25 Apr 2017, 12:44
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކެއް ހޯދައި ކުޑަކުއްޖަކާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަން ހިންގާފައި ވަނީ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކޮށް، އެ މައްސަލައާ ގުޅުން ހުރި ކާރެއް ވެސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވެ އެވެ.
އެގޮތުން، ބަލައި ފާސްކުރި ގޭގެ ތިން ވަނަ ފަންގިފިލާ އިން ހަތަރު ފުޅި ބަނގުރާ ފެނިފައިވާއިރު، ކާރު ތެރެއިން ހަތް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 17 އަހަރުގެ ކުޑަކުއްޖަކާއި 18 އަހަރުން މަތީގެ ހަތް ފިރިހެނުންނެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ އިރު، މިދިޔަ ހަފްތާ ހޯމަ ދުވަހު މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ވެސް ވަނީ ކުޑަކުއްޖަކު ހައްޔަރުކޮށްފަ އެވެ. އަދި އެކި ކަހަލަ ކުށްކުރާ ކުޑަކުދިން ދަނީ އިތުރުވަމުންނެވެ.