25 Apr 2017, 13:23
ހުރިހާ ދަރިވަރުން ޝާމިލްވާ ގޮތަށް "ޝާމިލްކުރުމުގެ ތައުލީމީ މަހާސިންތާ"ގެ ނަމުގައި މިއަދު މަހާސިންތާއެއް އިފުތިތާހުކޮށްފި އެވެ.
އެ މަހާސިންތާ އިފުތިތާހުކޮށް ދެއްވާފައި ވަނީ މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް އެވެ.
އެ މަހާސިންތާއަކީ، ހުރިހާ ދަރިވަރުން ޝާމިލްވާ ފަދަ ތައުލީމީ ނިޒާމެއް ރާއްޖޭގައި ގާއިމުކޮށް، އެ ނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ބާއްވާ މަހާސިންތާއެއް ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ބުންޏެވެ.
މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ.
އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދެއްވާ ޓީޗަރުންނަށް އިތުރަށް ތަމްރީނުދީ ހަރުދާނަކުރެއްވުމުގެ މަގުސަދުގައި ބާއްވާ އެ މަހާސިންތާގައި ރާއްޖޭގައި ކިޔަވައިދެމުންދާ ކޮންމެ ސްކޫލަކުން ބޭފުޅަކު ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެންއައިއީ އިން ބުންޏެވެ.

ޝާމިލްކުރުމުގެ ތައުލީމީ މަހާސިންތާ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިިނިސްޓަރު ---ސަން ފޮޓޯ/ފަޔާޒު މޫސާ
އެންއައިއީގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސާ އަހުމަދު އާތިފް ވިދާޅުވީ، އެ މަހާސިންތާ ނިމޭ އިރު ކޮންމެ ބައިވެރިއަކަށް ވެސް، އެ ރަށެއްގައި ތިބޭ ކުދިންގެ ބެލެނިވެރިންނަށް އިރުޝާދުދީ، އެކުދިންނަށް ދިމަވާ މައްސަލަތައް ސަރުކާރުގެ ކަމާބެހޭ ފަރަތްތަކަށް ހުށަހަޅައި މެދުވެރިއެއްގެ ދައުރު ކުޅޭނެ ގާބިލުކަން ލިބޭނެ ކަމަށެވެ.
އެ މަހާސިންތާ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެއްވާނެ ޑިގްރީ ފެންވަރުގެ 23 ޓީޗަރަކު ސްކޫލްތަކާ އަލަށް ގުޅޭނެ ކަމަށެވެ.
އެގޮތުން މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ސްކޫލަކަށް، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ޓީޗަރުން ހަމަޖެހިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އުގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެއްވާ ޓީޗަރުންނަށް ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ޑިޕްލޮމާ ލެވެލްގެ ކޯސްތަކެއް ވާނީ މިދިޔަ އަހަރު ވެސް ހިންގާފައި. އަދި ފާއިތުވި ދެ އަހަރު ތެރޭގައި 217 ޓީޗަރުން ތަމްރީނުކޮށްފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެއްވެސް ކުއްޖަކު ބާކީނުކުރުމާއި، އެންމެހާ ދަރިވަރުން ޝާމިލްވާ ތައުލީމީ ނިޒާމެއް ގާއިމުކުރައްވައި އެނިޒާމު ހަރުދަނާ ކުރައްވަން ސަރުކާރުން ކުރަށްވަމުން ގެންދަވާ ގިނަ ގުނަ މަސައްކަތްތަށް ނެޝަނަލް އިންސްޓިޓިއުޓް އިން ވަނީ ފާހަގަ ކުރައްވައިފަ އެވެ.