25 Apr 2017, 12:41
ކާބުލް (އޭޕްރިލް 24): އަފްގާނިސްތާނުގައި މިދިޔަ ހުކުރު ދުވަހު ތާލިބާނުން ދިން ހަމަލާއާ ގުޅިގެން އެގައުމުގެ ދިފާއީ ވަޒީރު އަބްދުﷲ ހަބީބީ އާއި ސިފައިންގެ ވެރިޔާ ގަދަމް ޝާހް ޝަހީމް އިސްތިއުފާ ދެއްވައިފި އެވެ.
އަފްގާނިސްތާނުގެ އުތުރުގައި އޮންނަ މަޒަރުއީ ޝަރީފް ސިޓީގައި ހުންނަ އަސްކަރީ މަރުކަޒަކަށް ތާލިބާނުން ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އެއީ 2001 ވަނަ އަހަރު އެމެރިކާ ސިފައިން ތާލިބާނުންގެ ބާރު ކަނޑުވާލި ފަހުން އެޖަމާއަތުން ދިން އެންމެ ވަރުގަދަ ހަމަލާ އެވެ.
ވަޒީރު އަބްދުﷲ ހަބީބީ އާއި ސިފައިންގެ ވެރިޔާ ޝަހީމް އިސްތިއުފާ ދެއްވި ސަބަބެއް އަފްގާން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ހުކުރު ދުވަހު ދިން ހަމަލައާ ގުޅިގެން އެ ގައުމުގެ ސަރުކާރަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ.
އަދި އެހަމަލާ ދީފައި ވަނީ އަސްކަރީ ހޮސްޕިޓަލަކަށް އައިއެސްއިން ހަމަލާދިންތާ މާގިނަ ދުވަސްތަކެއް ނުވަނީސް ކަމުންނާއި ދެ ހަމަލާގައި ވެސް މަރުވި މީހުންގެ ސީދާ އަދަދު ހާމަ ކުރަން ސަރުކާރުން ފަސް ޖެހުމާ ގުޅިގެން، ގިނަ ބަޔަކު ވަނީ ހަނގުރާމަވެރިންދޭ ހަމަލާތައް ހުއްޓުވުމަށް ސަރުކާރުގެ ކުޅަދާނަކަމާ މެދު ސުވާލު އުފައްދައިފަ އެވެ. (ބީބީސީ)