ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ސަރުކާރުން ފަށާފައިވާ އިކޮނޮމިކް ރިފޯމް ނުވަތަ އިގުތިސާ އިސްލާހީ އެޖެންޑާގެ ދަށުން ފަރުމާކޮށްފައިވާ ބިލުތަކުގެ ތެރެއިން ދެ ފިޔަވައްސަކަށް ބަހާލައިގެން 14 ބިލެއް މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހަފްތާގައި ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިދިޔަ މަހުގެ 15 އަށް ހަމަވި ފުރަތަމަ ފިޔަވަހީގައި ޓެކްސާ ގުޅޭ ފަސް ބިލެއް މަޖިލީހަށް ފޮނުވައި، ބައެއް ބިލުތައް ތަޅުމަށް ވެސް ހުށަހަޅައިފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ގައުމަކަށް މިއަހަރު ރާއްޖެ ބަދަލުވެގެން ދިއުމުން އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށާއި އެގޮތުން ޓެކްސް ނެގުމުގެ ހަދުރަނާ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ފުރަތަމަ ފިޔަވަޅުގައި ހުށަހެޅި އެ ބިލުތަކަކީ "ދައުލަތުގެ ބަޖެޓުން ދެވޭ ހިދުމަތްތަކަކީ މުއްސަނދިން އަތުން ނެގޭ އެއްޗަކުން" ދޭ ހިދުމަތްތަކަށް ހެދުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހެޅި ބިލުތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި މިދިޔަ މަހުގެ ނިޔަލަށް ހަމަވި ދެވަނަ ފިޔަވަހީގެ ދަށުން މަޖިލީހަށް ފޮނުވީ ނުވަ ބިލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ ބިލުތަކުގެ ބޭނުމަކީ ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކުރުމެވެ.

ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި ބިމަކީ ފަސޭހައިން މުއާމަލާތްކުރެވޭ އެއްޗަކަށް ހެދުމަށްޓަކައި ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ފަރުމާކޮށް، ދެވަނަ ފިޔަވަހީގައި ފޮނުވާފައިވާ ކަމަށެވެ. އަދި ރަހުނު ތަންފީޒުކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ގާއިމްކުރުމަށް ރަހުނާ ބެހެ ބިލަކާއި އެކަކު ހުރެގެން ވިޔަފާރި ކުރެވޭނެ އުސޫލުތަކެއް ގާއިމްކުރުން ފަދަ ކަންކަން ހިމެނޭ ގޮތަށް ކުންފުންޏާ ބެހޭ ބިލެއް ފޮނުވާފައިވާ ކަމަށެވެ. ނިޒާމްތަކެއް ހަމަޖެއްސުން ހިމެނޭ ކަމުގައި ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ޕާޓްނާޝިޕާއި އެއްމެދު މުދަލާ ގުޅޭ ވަކި ދެ ބިލަކާއި އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފޮރިން އިންވެސްޓްމަންޓް ރިޕީލް ބިލު އަދި ވިޔަފާރި ރަޖިސްޓްރީކުރުމާ ބެހޭ ބިލުގެ އިތުރުން ފިސްކަލް ރެސްޕޮންސިބިލިޓީ ނުވަތަ ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ބިލު ވެސް ހިމެނެ އެވެ.

މީގެ ތެރެއިން ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށާއި އޭގައި ވާނީ ދައުލަތުގެ ހަރަދުތައް ބަހައްޓަންވީ ގޮތުގެ އޮނިގަނޑާއި ސަރުކާރުން ގެރެންޓީ ދެވޭނެ މިންގަނޑުތަކާއި ދަރަންޏަށް ފައިސާ ނެގޭނެ އުސޫލުތައް ބަޔާންކޮށްފަ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މަޖިލީހަށް އިގުތިސާދީ ހާލަތުގެ ރިޕޯޓް ހުށަހެޅުއްވުން ފިނޭންސް މިނިސްޓަރަށް ލާޒިމްވާނެ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، މިމަހުގެ 15އިގެ ކުރިން އަދި ހަތަރު ބިލެއް މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އެގޮތުން ތިން ވަރަ މަރުހަލާގެ ތެރޭގައި މި ހިމެނެނީ އާބިޓްރޭޝަނާއި ވިޔަފާރިއަށް ހާއްސަ ކޯޓެއް ގާއިމްކުރުމުގެ ބިލެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ހާއްސަކޮށްފައިވާ ބިލަކާއި އެ ވިޔަފާރިއަށް ފައިނޭންސް ހޯދުމަށް މަގުފަހިކުރުމަށްޓަކައި ވަކި ކްރެޑިޓް ގެރެންޓީ ސްކީމެއް ގާއިމްކުރުމުގެ ބިލެކެވެ.