25 Apr 2017, 11:22
ރޭ ފުލުހުން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މައްޗަންގޯޅީ ސަހަރާކައިރީގައި ހުރި ގެތަކަކުން ބައެއް ތަކެއްޗާ އެކު މީހުންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ވަނީ ކޯޓް އަމުރެއްގެ ދަށުން މއ. އެނބޫގޭގައި ހުރި އެޓިކް އިންޓަނޭޝަންލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހާއި މއ. ކިނާރާ ހައުސްގެ އިތުރުންމއ. ނަމޫނާގެވެސް ބަލައި ފާސްކޮށްފަ އެވެ.
އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އޮފީސް ފުލުހުން ބަލައި ފާސްކުރަން ނެރެފައިވާ ކޯޓް އަމުރުގައި ވަނީ އެ އޮފީހުގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުމަށް ރާވަމުންދާ ކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާތީ، އެ މައްސަލާގައި ހެއްކާއި ގަރީނާ ހޯދުމަށެވެ.

ފުލުހުން ރޭ ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން --- ސަން ފޮޓޯ
މަންޒުރުދުށް ފަރާތެއް 'ސަން' އަށް ކިޔައިދިން ގޮތުގައި މޫނު ނިވާކޮށްގެން ތިބި އެސްއޯ ފުލުހުން ހިންގި އެ އޮޕަރޭޝަންގައި އެ ސަރަހައްދުން ބަލައި ފާސްކުރި ގެތަކުން ވަނީ ޖުމްލަ ހަތަރު މީހަކާއި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑީއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ ފުލުހުން ރޭ ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށާއި އެ އޮޕަރޭޝަނުގައި ބައެއް ގެތައް ބަލާފާސްކޮށް ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
މާލެތެރެ ބެލެހެއްޓުމަށް އިތުރު ފުލުހުންނެރެ ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ އިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމިން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް އަނިޔާވެރި ގޮތެއްގައި މަރާލައިފަ އެވެ.
ނަމަވެސް ރޭ ހައްޔަރު ކުރި މީހުންނާ ޔާމިންގެ މަރާ ގުޅުން ހުރި ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.