25 Apr 2017, 13:53
ކާބުލް(އެޕްރީލް 25): އަފްޣާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތްކަމަށްވާ ތާލިބާން ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދޭކަމުގެ ތުހުމަތު އެމެރިކާއިން ރަޝިޔާގެ މައްޗަށް ކޮށްފިއެވެ.
އަފްޣާނިސްތާނުގައި މަރުކަޒުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބާރުތަކުގެ ވެރިޔާ ޖެނެރަލް ޖޯން ނިކޮލްސަން ވިދާޅުވީ ރަޝިޔާއިން ތާލިބާން ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދެމުންގެންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިކަން ރަޝިޔާ ކުރަނީ ސިއްރުން ނޫންކަމުގައެވެ. އެމެރިކާގެ ކޮންގްރެސްގެ ދިފާއީ ކަންކަމާބެހޭ ސަބްކޮމިޓީގެ ކުރިމަތީގައި ވާހަކަދައްކަވަމުން މީގެ މަހެއްހާ ދުވަސްކުރިންވެސް ޖެނެރަލް ޖޯން ނިކޮލްސަން ވަނީ މިތުހުމަތުތައް ރަޝިޔާގެ މައްޗަށް ކުރައްވާފައެވެ.
އަނެއްކޮޅުން އެމެރިކާގެ ދިފާއީ ވަޒީރު ކުއްލި ގޮތަކަށް އިއްޔެވަނީ އަފްޣާނިސްތާނަށް ވަޑައިގެން އެގައުމުގެ ރައީސް އަޝްރަފް އަބްދުލްޣަނީއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މާޓިސް ވަނީ އަފްޣާނިސްތާނުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ރަޝިޔާގެ މައްޗަށް ކުރައްވާފައެވެ.
ރަޝިޔާއިން ތާލިބާން ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް އެމެރިކާ ކުރާ ތުހުމަތުތަކާ ގުޅިގެން އެމެރިކާ އަޅަންގަސްދު ކުރަނީ ކޮންފިޔަވަޅެއްތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި މާޓިސް ވިދާޅުވީ އެމައްސަލާގައި ރަޝިޔާއާ މުއާމަލާތް ކުރާނީ ޑިޕްލޮމެޓިކް އުސޫލުން ކަމުގައެވެ. ނަމަވެސް ޑިޕްލޮމަސީން މައްސަލަ ހައްލުނުވެއްޖެނަމަ ރަޝިޔާއާ ކުރިމަތިލާންވެސް އެމެރިކާ އޮތީ ތައްޔާރަށްކަމަށް މާޓިސް ވިދާޅުވިއެވެ. އެމެރިކާއާ ދެކޮޅަށް ރަޝިޔާ އަފްޣާނިސްތާނަށް ނުސީދާގޮތެއްގައި ވަނުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށްވެސް މާޓިސް ވިދާޅުވިއެވެ.
މާޓިސް މިހެން ވިދާޅުވިއިރު އަފްޣާނިސްތާނަކީ އެމެރިކާއާ ދިހަވަރަކަށް ހާސް މޭލު ދުރުގައިވާ ގައުމެކެވެ. މީގެ ބަދަލުގައި އަފްޣާނިސްތާނަކީ ރަޝިޔާގެ ބަނޑުދަށުގައި އޮތް ގައުމެކެވެ. އަފްޣާނިސްތާނުގައި އެމެރިކާގެ މަސްލަހަތު އޮންނަ ފަދައިން ރަޝިޔާގެ މަސްލަހަތުވެސް އޮންނާނެކަން މާޓިސް ފާހަގަ ކުރައްވާފައެއް ނުވެއެވެ.
ތާލިބާނުންނަކީ އަފްޣާނިސްތާނަށް އެމެރިކާ އަތްގަދަކުރާ އަތްގަދަ ކުރުންތައް ނިމުމަކަށް ގެނެސް އަފްޣާނިސްތާނަށް އަރައިތިބި އެމެރިކާގެ ބާރުތައް އެގައުމުން ބޭރުކޮށްލުމަށް މަސައްކަތްކުރާ ޖަމާއަތެކެވެ. މީގެއިތުރުން އެމެރިކާގެ މަދަދު ލިބިގެން އަފްޣާނިސްތާނުގައި ވެރިކަންކުރާ އެމެރިކާގެ ގޮނޑިކޮށްކޮ ސްޓައިލްގެ ސަރުކާރު ވައްޓާލައި އެގައުމުގެ ސިޔާސީ މަސްރަހަށް އަތްގަދަ ކުރުމަކީވެސް ތާލިބާނުންގެ މަގްސަދެކެވެ.
ތާލިބާނުންނަކީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ހަރުކަށި ޖަމާއަތަކަށްވާތީ އެޖަމާއަތް އަސްކަރީގޮތުން ކިތަންމެ ބާރުގަދަ ނަމަވެސް އެޖަމާއަތަކީ އަފްޣާން ރައްޔިތުންގެ ބޭނުންތައް ހާސިލްކޮށް ރައްޔިތުންނަށް ތަރައްގީއާއި އުފާފާގަތިކަމާއި ގުޑްގަވަނަންސް ގެނެސްދެވޭނެ ޖަމާއަތެއް ނޫނެވެ. އަދި ދުނިޔޭގެ އެހެންގައުމުތަކާ ގުޅިގެން އަފްޣާނިސްތާނަށް ހަމަޖެހުމާއި ސުލްހައާއި ތަރައްގީ ގެނެސްދެވޭފަދަ ޖަމާއަތެއް ނޫންކަން ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަންކުރި ދުވަސްވަރު ވަނީ ސާބިތުވެފައެވެ.
އެމެރިކާއިން 14 އަހަރުވަންދެން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރިނަމަވެސް ތާލިބާނުން ބަލިކޮށްލުމުގައި އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ނޭޓޯގެ ބާރުތައްވަނީ މުޅިން ނާކާމިޔާބުވެފައެވެ. ރަޝިޔާއިން ތާލިބާން ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އެމެރިކާއާއި ރަޝިޔާއާ ދެމެދު މިހާރު އުފެދިފައިވާ ރުޅިވެރިކަމާއި ވަދަކުރުމާއި ދެބަސްވުމުގެ ތެރެއިން ރަޝިޔާ ކޮށްފާނެކަމެކެވެ. އެއީ ކޮންމެހެން ތާލިބާނުންނަށް ރަޝިޔާ ތާއީދު ކުރުމެއްނޫނެވެ.
އެމެރިކާ އެކޭ އެއްގޮތަށް ރަޝިޔާވެސް ދެކެނީ ތާލިބާނުންނަކީ ހަރުކަށި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. ނަމަވެސް ތާލިބާނުންނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އަފްޣާނިސްތާނުގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ގެއްލުންދެވުމުގެ އިތުރުން އަފްޣާނިސްތާނުގައި އެމެރިކާ އިނދަޖައްސާލެވިދާނެ ކަމެއްކަމަށް ވާތީ މިއީ ރަޝިޔާއިން ކޮށްފާނެ ކަމެއްކަމަށް މުހައްލިލުން ދެކެއެވެ.
ރަޝިޔާއިންވަނީ އެމެރިކާގެ މިތުހުމަތުތަކަށް އިންކާރުކޮށް އަފްޣާނިސްތާނަށް ސުލްޙަ ގެނައުމުގައި އެމެރިކާ ނާކާމިޔާބު ވެފައިވާ ކަމަށް ބުނެފައެވެ. ރަޝިޔާ ގެންދަނީ ޔުކްރޭންގައާއި ސޫރިޔާގައިވެސް އެމެރިކާއަށް ގޮންޖަހަމުންނެވެ. މީގެއިތުރުން އދ.ގެ ސަލާމަތީ މަޖިލީހުގައިވެސް ރަޝިޔާ ގެންދަނީ އެމެރިކާއަށް ގޮންޖަހައި އެމެރިކާ ފާސްކުރަން ބޭނުންވާ ގަރާރުތައް ވީޓޯކުރަމުންނެވެ. (ނޫސްއެޖެންސީތައް)