ވޮޝިންޓަން (އޭޕްރިލް 25): ސީރިއާގައި މި މަހުގެ ހަތަރު ވަނަ ދުވަހު ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ސީރިއާ ސަރުކާރުގެ އޮފިޝަލުންތަކަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި އެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުން ވަނީ ސީރިއަން ސައިންޓިފިކް ސްޓަޑީސް އެންޑް ރިސާޗް ސެންޓަރު (އެސްއެސްއާރުސީ)ގެ 271 މުވައްޒަފުންގެ މުދާ ފްރީޒް ކުރުމަށް އަމުރުކޮށްފަ އެވެ. އަދި އެމީހުން އެމެރިކާގެ އެއްވެސް މީހަކާ ނުވަތަ ކުންފުންޏަކާ އެކު ވިޔަފާރި ކުރުން މަނާކޮށްފަ އެވެ.

ޓްރެޝަރީ ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ 271 މުވައްޒަފުންނަކީ ޚާން ޝައިހޫނަށް ދިން ހަމަލާގައި ބޭނުން ކުރި ކެމިކަލް އުފެއްދުމާއި އެ ކެމިކަލް އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި ހަރަކާތްތެރިވި މީހުންނެވެ.

ނަމަވެސް ސީރިއާ ސަރުކާރުން ވަނީ ޚާން ޝައިހޫނުގައި 80 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ބުނާ ކެމިކަލް ހަމަލާއަކީ ހުޅަނގުން ހަދަހަދައިގެން ދައްކާ ވާހަކައެއް ކަމަށް ބުނެފަ އެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވި ގޮތުގައި އެއީ ސަރުކާރުގެ ވައިގެ މަރުކަޒަށް ހަމަލާ ދިނުމުގެ ގޮތުން ދެއްކި އުޒުރެކެވެ.

ކެމިކަލް ހަމަލާތައް ދިނުން ހުއްޓުވުމަށް މަސައްކަތް އޯގަނައިޒޭޝަން ފޯ ދި ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) އިން ބުނި ގޮތުގައި ސީރިއާ ކެމިކަލް ހަމަލާއެއް ދީފައިވާ ކަން އެޖަމްއިއްޔާ އަށް ލިބިފައިވާ ހެކިން ހާމަވެ އެވެ.

މީގެ ހަ އަހަރު ކުރިން ސީރިއާ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ފެށުނު ހަނގުރާމައިގައި މިހާތަނަށް 300،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. (ބީބީސީ)