25 Apr 2017, 08:57
ފިލްމު 'ރުސްތަމް' އިން ބޮލީވުޑުގެ ހުނަރުވެރި އެކްޓަރު އަކްޝޭ ކުމާރަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ ގައުމީ އެވޯޑު އޭނާއަށް ހައްގު ނުވާނަމަ، އެވޯޑު އަނބުރާ ގެންދިޔަސް މައްސަލައެއް ނެތް ކަމަށް އޭނާ ބުނެފި އެވެ.
އަކްޝޭއަށް ގައުމީ އެވޯޑު ލިބުމުން އޭނާއަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ. އެއީ އޭނާއަށް ހައްގު އެވޯޑެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ވާހަކަ ދައްކައިފައެވެ.
ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ސްޓަންޓު އާޓިސްޓުންނަށް އިންޝުއަރެންސް ދިނުމަށް މޫވީ ސްޓަންޓް އާޓިސްޓްސް އެސޯސިއޭޝަނުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން އަކްޝޭ ބުނީ ކޮންމެ އަހަރަކު ވެސް އެވޯޑު ލިބޭ މީހަކަށް، އެވޯޑު ހައްގު ނޫން ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒުވާ ކަމަށެވެ.
"އަހަންނަށް އެވޯޑު މި ލިބުނީ 25 އަހަރު ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރި ފަހުން. އެކަމަކު ވެސް މިއީ އަހަންނަށް ހައްގު އެވޯޑެއް ނޫން ކަމަށް ހީވާނަމަ، އެވޯޑު އަނބުރާ ގެންދިޔަސް އަހަރެންގެ މައްސަލައެއް ނެތް،" އަކްޝޭ ބުންޏެވެ.
ކުރިން ގިނައިން އެކްޝަން ފިލްމުތަކުން ފެނިގެން ދިޔަ އަކްޝޭ މިހާރު ބޮޑަށް ފާހަގަ ވަނީ ގައުމީ ރޫހު އާލާކުރުވާ ފިލްމުތައް ކުޅޭ އެކްޓަރެއްގެ ގޮތުގައެވެ. އޭނާއަށް ގައުމީ އެވޯޑު ލިބުނު ފިލްމު 'ރުސްތަމް' ގައި ވެސް އަދާކޮށްފައި ވަނީ އެފަދަ ރޯލެކެވެ.
އަކްޝޭ މިހާރު ކުރަމުން އަންނަނީ ކުރިއަށް އޮތް ފިލްމު 'ޕެޑްމޭން'ގެ މަސައްކަތެވެ. އެ ފިލްމުގައި އަކްޝޭ އާއެކު ފެނިގެން ދާނީ ސޯނަމް ކަޕޫރު އަދި ރާދިކާ އަޕްޓޭ އެވެ.