ދުނިޔޭގެ ޕޮޕް ސެންސޭޝަން، ޖަސްޓިން ބީބާ އަންނަ މޭ މަހު އިންޑިއާއަށް ކުރާ ދަތުރުގައި ކުރިއަށް ގެންދަން ރާވާފައިވާ ކޮންސެޓު ހުޅުވައިދިނުމުގެ ގޮތުން ބަތަލާ ސޮނާކްޝީ ސިންހާ ލަވަ ކިޔުމަށް ހަމަޖެހުމާ އެކު ލަވަކިޔުންތެރިން މިވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެެވެ.

އެންމެ ފުރަތަމަ އެކަމާ ނުރުހުން ފާޅުކޮށްފައި ވަނީ ގައުމީ އެވޯޑު ވެސް ހޯދާފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ ކޭލާޝް ޚޭރު އެވެ. އޭނާ ބުނީ އިވެންޓު ކުރިއަށް ގެންދާ ފަރާތުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

ކޭލާޝްގެ ކޮމެންޓު ހިމަނައިގެން ޝާއިއު ކޮށްފައިވާ ލިޔުމެއް ޝެއާ ކުރުމަށް ފަހު އަރަމުން އަންނަ ޒުވާން ހުނަރުވެރި ލަވަކިޔުންތެރިޔާ އަރްމާން މަލިކް، 21، ބުނީ ކޭލާޝްގެ ވާހަކަ ތަކާ އޭނާ މުޅިން އެއްބަސް ކަމަށެވެ.

"އެކްޓަރުންނަކީ އެކްޓަރުން އަދި ލަވަކިޔުންތެރިންނަކީ ލަވަކިޔުންތެރިން. ސްޓޭޖާއި މައިކް އަހަރުމެންނަށް ދޫކޮށްލާ. އެއީ އަހަރުމެންގެ ޕްލޭގްރައުންޑު،" އަރްމާން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

އެއާއެކު ސޮނާކްޝީ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަރްމާނަށް ރައްދު ދެމުން ސޮނާކްޝީ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އަމިއްލަ ނަފްސަށް އިތުރުބާރު ކުރާ، އަމިއްލަ މީހާ އާމެދު އިތުބާރު އޮންނަ އާޓިސްޓެއް ނަމަ، އަނެއް އާޓިސްޓެއްގެ ހުނަރު ކުރިއަރުވައި، އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ސޮނާކްޝީގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމު 'ނޫރް'ގެ ޓައިޓަލް ލަވަ ވެސް ކިޔާފައި ވަނީ އަރްމާން އެވެ. ސޮނާކްޝީ ވަނީ އެކަން ފާހަގަކޮށް، ފިލްމުގައި އަރްމާން އާއެކު ސޮނާކްޝީ ލަވަކިޔަން އަރްމާން ބޭނުންވި ކަމަށް ބުނެފައެވެ.

"މިހާރު ތި ކިޔަނީ އަހަރެންނާ އެކު ލަވަކިޔަން ބޭނުންވެގެން ކީ ރާގެއް ނޫން،" ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީ އަށް ރައްދު ދެމުން އަރްމާން ބުނީ ފިލްމަށް ސޮނާކްޝީ ލައްވައި ލަވަ ކިޔަން ބޭނުންވީ އޭނާ ނޫން ކަމަށާއި، ބޭބެ އަދި ކޮމްޕޯޒަރ އާމާލް މަލިކް ކަމަށެވެ.

"ތި އުޅެނީ އަހަންނާއި އާމާލް މަލިކް އޮޅިގެން. އެއީ ކޮމްޕޯޒަރ އަކީ،" އަރްމާން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

ބީބާގެ 'ޕާޕަސް ވޯލްޑް ޓުއާ'ގެ ތެރެއިން އިންޑިއާގައި ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މޭ މަހުގެ 10 ވަނަ ދުވަހު އެވެ. ބީބާ ޕާފޯމް ކުރާނީ މުމްބާއީގެ ޑީ.ވައި. ޕާޓިލް ސްޓޭޑިއަމްގައެވެ.