25 Apr 2017, 08:35
ބޮލީވުޑް އެކްޓްރެސް އީޝާ ޑިއޯލް ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ކަމަށް ޚަބަރުތައް ބުނެފި އެވެ.
އީޝާ އާއި އޭނާގެ ފިރިމީހާ ބާރަތު ތަޚްތާނީއަށް ކުއްޖަކު ލިބެން އުޅޭކަން އާއިލާގެ ފަރާތުން ވެސް ވަނީ ޔަގީންކޮށްދީފައެވެ.
އީޝާގެ މަންމަ އަދި ބޮލީވުޑުގެ ކާމިޔާބު ބަތަލާ ހެމާ މާލިނީގެ ބަޔޮގްރަފީ ލިޔަމުން އަންނަ ރާމް ކަމާލް މުކަރްޖީ ބުނީ، އީޝާ އިނީ ބަލިވެ ކަމަށާއި، ދެމަފިރިން ތިބީ އުފަލުން ފޮޅިފައި ކަމަށެވެ.
އަދި އިތުރު މާމަ ދަރިއަކު ލިބެން އުޅޭތީ ހެމާ މާލިނީ ވެސް ހުރީ ވަރަށް އުފަލުން ކަމަށް އޭނާ ބުންޏެވެ.
އީޝާ އާއި މުމްބާއީގެ ވިޔަފާރިވެރިޔާ ބާރަތު ކައިވެނި ކޮށްފައި ވަނީ 2012 ވަނަ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދެމީހުންނަކީ ކުޑަ އިރުން ފެށިގެން ވެސް ގާތް އެކުވެރިންނެވެ. ނަމަވެސް ސްކޫލް ނިމުމަށް ފަހު ދެ މީހުން ވެސް އަމިއްލަ މިސްރާބަކަށް ދަތުރު ފެށި އެވެ.
އެއަށްފަހު ދެމީހުން އަލުން ދިމާވީ 2011 ވަނަ އަހަރު ރިލީޒް ކުރި އީޝާގެ ފިލްމު 'ޓެލް މީ އޯ ޚުދާ' ގެ ޝޫޓިންގ ގެ ތެރެއިންނެވެ. އެއަށްފަހު ދެމީހުން ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރީ އެވެ.