25 Apr 2017, 08:51
ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ރަހުމު ކުޑަ ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބުލޮގަރު ޔާމީން ރަޝީދުގެ މަރުގެ ތަހުގީގުގައި ބައިނަލްއަގްވާމީ ތަޖުރިބާކާރުން ބައިވެރިކޮށްދިނުމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
ޔާމީންގެ މަންމަ މަރިޔަމް ޝަފީގު އަދި ބައްޕަ ހުސެއިން ރަޝީދު ސޮއިކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަރިފުޅުގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދައުލަތުގެ އެންމެހާ ވަސީލަތްތައް ބޭނުންކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.
ނަމަވެސް ޔާމީންގެ މަރުގެ މައްސަލައިގައި އިތުބާރުހިފޭ ތަހުގީގެއް ހިންގޭނީ ބައިނަލްއަގްވާމީ ފެންވަރުގެ ތަހުގީގީ ތަޖުރިބާކާރުންގެ ބައިވެރިވުމާއެކުގައި ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
"އެހެންކަމުން މިދެންނެވިފަދަ ފަރާތްތައް ތަހުގީގުގައި ބައިވެރިކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދެމެވެ،" ޔާމީންގެ އަންހެން ކޮއްކޮ ޔުމްނާ ރަޝީދު ޓްވީޓާގައި ޝެއާ ކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނީ، ޔާމީންގެ މަރަށްފަހު 48 ގަޑިއިރު ހަމަވާން ގާތްވާއިރު، އެ މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް މީހަކު އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ނުވާއިރު، އެ މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވާނެ ކަމުގައި އުއްމީދު ކުރާ ކަމަށެވެ.
އަދި ބުނެފައިވަނީ، ޔާމީން ދިރިދުނިޔޭގައި ހުރިއިރު، އޭނާއަށް ލިބެމުން އައި އިންޒާރުތައް ކޮންމެ ފަހަރަކު ފުލުހުންނަށް އަންގަމުންދިޔަ ނަމަވެސް، އެކަން ފުރިހަމަ ގޮތުގައި ތަހުގީގު ކުރެވިފައިނުވާކަމަށެވެ.
"އަޅުނގަޑުގެ ދަރިފުޅަށް މިބާވަތުގެ އިންޒާރު ދެމުންދިޔައީ ނުހަނު ފާޅުކަން ބޮޑު ގޮތެއްގައެވެ. ބައެއްފަހަރު އަމިއްލަ ނަމުގައިވެސްމެއެވެ. ރާއްޖޭގައި އަނިޔާވެރި އަމަލުތަކަށް ހިތްވަރުދީ، ގޮވައި، ސީދާ އެބާވަތުގެ ކަންކަން ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭކަމީ އަޅުނގަޑުމެން ކަންބޮޑުވާ ކަމެކެވެ،" ޔާމީންގެ މައިންބަފައިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޔާމީނަކީ ނާއިންސާފާއި އަނިޔާއާއި ފިއްތުންތަކާ ދެކޮޅަށް ނުހަނު ތޫނުފިލިކަމާއެކު ތެދުވި، އޯގާތެރި އަދި ހިތްވަރުހުރި ކުއްޖެއްކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، ޔާމިންގެ މަރަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އަދި އެކަމަށް ކިތަންމެ ދުވަހެއް ނެގިކަމުގައިވީނަމަވެސް އެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
"އެއީ އަޅުނގަޑުމެންގެ ދަރިފުޅު އެދޭނެ ގޮތެވެ. އެއީ އޭނާގެ ރަހުމަތްތެރި ރިޟްވާނަށްޓަކައި އޭނާ ކަންކުރި ގޮތެވެ. އެއީ އަހަރެމެންނަށްޓަކައި ނަމަވެސް އޭނާ ކަންކޮށްދޭނެ ގޮތެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
ޔާމިން، 29، އަށް ވަޅިން ހަމަލާދީފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ސިޑި ކައިރީގައި، މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައި ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.