25 Apr 2017, 01:44
ޓީސީ އަކީ މޮޅު ޓީމެއް ކަމަށާއި އެޓީމާއި ދެކޮޅަށް ކުޅެ ތިން ޕޮއިންޓް ލިބުމަކީ ހިތް ހަމަޖެހުމެއްކަމަށް ނިއުރޭޑިއަންޓްގެ ކޯޗް ބެނާޑޯ ޓަވަރޭސް ބުނެފިއެވެ.
މިރޭ ޓީސީ ސްޕޯޓްސް ކުލަބް އަތުން 2-1 ގެ ނަތީޖާއިން މޮޅުވި މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ޓަވަރޭސް ބުނީ މިރޭ ލިބިގެން ދިޔައީ މުހިއްމު ތިން ޕޮއިންޓް ކަމަށާއި މެޗުގައި މޮޅަށް ކުޅުމަށް ވުރެބޮޑަށް ހިތްހަމަޖެހޭނީ ރަނގަޅަށް ކުޅެ ތިން ޕޮއިންޓް ހޯދުން ކަަމަށެވެ.
"އަހަރަމެން މި މުބާރާތުގަ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުޅުންތެރިން ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް. ނަމަވެސް އަހަރަމެން ވީ ބަލި. އެހެންވީމަ މޮޅަށް ކުޅުން އެކަންޏެއް ނޫން މުހިއްމީކީ ތިން ޕޮއިންޓް ހޯދުންވެސް މުހިއްމު،" ޓަވަރޭސް ބުންޏެވެ.
އޭނާ އިތުރަށް ބުނީ މިރޭގެ މެޗުގައި ރަނގަޅު ފުރުސަތު ތަކެއް އެ ޓީމަށް ލިބުނު ކަމަށާއި ހަމައެކަނި މަދުވީ އިތުރު ގޯލެއް ކާމިޔާބުކުރުން ކަމަށެވެ. އަދި ބުނީ ކުޅުންތެރިންގެ ކުޅުމާއި މެދު ހިތް ހަމަ ޖެހޭ ކަމަށެވެ.
މިރޭގެ މެޗަށް ފަހު މާލޭ ލީގުގައި ޓީސީ ވި ފުރަތަމަ ބައްޔާ ގުޅޭ ގޮތުން އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް ބުނީ މިރޭ މެޗުގައި ވަރަށް ބައިވަރު ކަންކަން ގޯސްކޮށް ދިޔަ ކަމަށާއި އެންމެ މުހިއްމު ކަމަށްކަށް މެޗުގެ ފެށުން ވެސް ދިޔައީ ގޯސްކޮށްކަމަށެވެ. އަދި މިރޭ ގެއްލިގެން މިދިޔައީ މުހިއްމު ތިން ޕޮއިންޓް ކަމަށާއި ކޮންމެ މެޗަކީ ވެސް ޓީސީ އަށް ވަރަށް މިހިންމު މެޗެއް ކަމަށް ނިޒާމްބެ ބުންޏެވެ.
"މިރޭ ގެއްލިގެން އެ ދިޔައީ މުހިއްމު ތިން ޕޮއިންޓް. ކޮންމެ މެޗަކީވެސް ޓިސީ އަށް މުހިއްމު މެޗެއް. ކުރިއަށް ދިޔުމަށް ކޮންމެ ޓީމަކާއިއެކުވެސް އެބަޖެހޭ ރަނގަޅު ކުޅުމެއްދައްކާ މޮޅުވާން،" ނިޒާމްބެ ބުންޏެވެ.
މިރޭގެ މެޗުން ނުކުން ނަތީޖާއާއެކު ނިއުރޭޑިއަންޓް ވަނީ ލީގު ތާވަލްގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. ޓީސީ އަށް ލިބެނީ ތާވަލްގެ ހަތަރުވަނަ މަގާމެވެ.