ޖެނީވާ : ދުނިޔޭގައި ކުދި ހަތިޔާރު އެންމެ ގިނައިން އެކްސްޕޯޓްކޮށް އަދި އިންޕޯޓްކުރާ ޤައުމަކީވެސް އެމެރިކާ ކަމަށް ޖެނީވާ ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ދިރާސާތަކާ އަދި ތަރައްޤީގެ ދިރާސާތަކާބެހޭ އިންސްޓިޓިއުޓުން ބުނެފިއެވެ.

މިއިންސްޓިޓިއުޓުން ނެރުނު ދިރާސާ ރިޕޯޓެއް ބުނާގޮތުން ޕްރައިވެޓް ސެކިއުރިޓީ އިންޑަސްޓްރީ، ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ދަނީ ހަލުއިކަމާއެކު ފުޅާވަމުންނެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި މިއިންޑަސްޓްރީ ފުޅާވަމުން ދިޔުމާއެކު މިއިންޑސްޓްރީ ގައި މަސައްކަތްކުރާ މީހުންގެ ޢަދަދު ދުނިޔޭގެ ހުރިހާ ޤައުމެއްގެ ފުލުހުންގެ ޢަދަދަށްވުރެވެސް އިތުރުވެފައިވާ ކަމަށް މިރިޕޯޓް ބުނެއެވެ.

މިރިޕޯޓްގައިވާގޮތުން ޕްރައިވެޓް ސެކިއުރިޓީގައި މަސައްކަތްކުރާ މީހުން ބޭނުންކުރާ ކުދި ހަތިޔާރުގެ ވިޔަފާރީގެ މިންވަރު މިހާރު ވަނީ އަހަރަކު ހަތްބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައެވެ.

ކުދި ހަތިޔާރުގެ ގޮތުގައި މިރިޕޯޓްގައި ފާހަގަކޮށްފައިވާ ހަތިޔާރުގެ ތެރޭގައި ފިސްތޯލައާއި އާދައިގެ ބަޑިއާއި މޯޓަރ ބަޑިއާއި އަތުބޮމާއި ކޮނޑުމަތިން ފޮނުވާ ބާވަތުގެ ރޮކެޓް ހިމެނެއެވެ. މިރިޕޯޓްގައިވާގޮތުން ކުދި ހަތިޔާރު އެންމެ ގިނައިން އެކްސްޕޯޓް ކުރާ ޤައުމުތަކުގެ ލިސްޓްގެ ކުރީގައި ހިމެނެނީ އެމެރިކާ، އިޓަލީ، ޖަރުމަނު، ބްރަޒީލް، ރަޝިޔާ އަދި ސްވިސްޓްޒަރލޭންޑެވެ.

އަދި ކުދި ހަތިޔާރު އެންމެ ގިނައިން އިންޕޯޓްކުރާ ޤައުމުތަކުގެ ލިސްޓްގެ ކުރީގައި ހިމެނެނީ އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް، ޖަރުމަނު، އޮސްޓްރޭލިޔާ އަދި ފަރަންސޭސިވިލާތެވެ. -- ރޮއިޓާސް