އެސްޓީއޯ މާލޭ ލީގުގައި މިރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް ނިއުރޭޑިއަންޓުން ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު އެ މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ނިއުރޭޑިއަންޓަށް ލީގު ތާވަލްގެ އެއް ވަނަ ލިބެނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 12 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި 10 ޕޮއިންޓާއި އެކު ގްރީން ސްޓްރީޓް އޮތްއިރު ތިންވަނާގައި އޮތީ އެއްމެޗު މަދުންކުޅެ ނުވަ ޕޮއިންޓާއި އެކު މާޒިޔާއެވެ.

މިރޭގެ މެޗު ފަށައިގެން މޮޅަށް ކުޅެމުންދިޔައީ ނިއުރޭޑިއަންޓުންނެވެ. އެ ޓީމުން ރަނގަޅަށް ބޯޅަ ހިފައްޓައިގެން ކުޅުނުއިރު އެ ޓީމުން ވަނީ ޓީސީ ގޯލަށް ނުރައްކާކޮށްފަ އެވެ. ޓީސީން މެޗު ފަށައިގެން ކުޅެމުންދިޔައީ ވަރަށް ދަށްކޮށެވެ. އެ ޓީމުގެ މެދުތެރެއިން ރަނގަޅަށް ބޯޅަ ނުހިފެއްޓުމުގެ ނަތީޖާއަކީ ނިއުރޭޑިއަންޓްގެ ފޯވާޑް ލައިނުން ޓީސީގެ ޑިފެންސް ލައިނަށް ބާރު ބޮޑު ކުރުމެވެ.

ރަނގަޅަށް ކުޅެމުންދިޔަ ނިއުރޭޑިއަންޓުން މެޗުގެ ލީޑު ނެގީ މެޗުގެ 17 ވަނަ މިނިޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގެލާޑޯ ވެލްޑެސް އެޑްރިއާނެވެ. ނިއުރޭޑިއަންޓްގެ އަލީ ފާސިރު ސެންޓޭ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ގެލާޑޯ ކާމިޔާބު ކުރީ ހަނި އޭންގަލުންނެވެ.

ގެލާޑޯ ލަނޑެއް ކާމިޔާބުކުރިތާ އިރުކޮޅެއް ފަހުން އޭނާ ވަނީ އަނިޔާވެގެން ބަދަލު ކޮށްފައެވެ. ގެލާޑޯގެ ބަދަލުގައި ކުޅެން އެރީ ޒުވާން ކުޅުންތެރިއާ އަބްދުﷲ މިދުހަތު ފަހުމީއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.

ނިއުރޭޑިއަންޓްގެ ދެ ވަަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއާ މިދުހަތުއެވެ. އޭނާ އެލަނޑު ނިއުރޭޑިއަންޓަށް ކާމިޔާބުކޮށްދިނީ މެޗުގެ 58 ވަނަ މިނިޓްގައެވެ. ނިއުއިން ލީޑު ފުޅާ ކުރިތާ މާގިނަ އިރުތަކެއް ނުވެ މެޗުގެ 68 ވަނަ މިނިޓްގައި ޒުވާން ކުޅުންތެރިއާ އިބްރާހިމް މަހުދީ ހުސެއިންއެވެ.

މި ނަތީޖާއާއެކު ޓީސީ އަށް ލިބެނީ މާލޭ ލީގު ތާވަލްގެ ހަތަރުވަނަ މަގާމުގައެވެ. އެޓީމަށް ލިބިފައި ވަނީ ޖުމުލަ ނުވަ ޕޮއިންޓެވެ.