25 Apr 2017, 00:56
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗެއްގައި ކުޅިވަރު ރޫހާ ހިލާފުވުމުގެ ސަބަބުން ލ. މާމެންދޫ ޓީމުގެ އެސިސްޓަންޓް މެނޭޖަރު އަލީ ޝިފާޒްއާމެދު ފިޔަވަޅު އަޅައިފިއެވެ.
ލ. އަތޮޅު ބުރުގައި މާމެންދު އާއި މާބައިދޫ ކުޅުނު މެޗުގައި މާމެންދޫ ޓީމުގެ ފަރާތުން ފެނުނު ކުޅިވަރު ރޫހާ ހިލާފު އަމަލުތައް ފެނުމުން އެ މައްސަލަ ބަލާފައި ވަނީ މިނިވަން ޗެމްޕިއަންޝިޕް މުބާރާތު ކޮމިޓީންނެވެ.
އެ މައްސަލަ ބެލުމަށްފަހު މުބާރާތުގެ ކޮމިޓީން ނިންމީ މާމެންދޫ ޓީމުގެ އެސިސްޓަންޓް މެނޭޖަރު ހަތަރު މެޗަށް ސަސްޕެންޑްކޮށް، 4000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
އެ މެޗުގައި މާބައިދޫ ޓީމުގެ ކުޅުންތެރިޔަކަށް މާމެންދޫ ޓީމުގެ މުހައްމަދު ނައުފަލް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ހިނގަނިކޮށް، ދަނޑު މައްޗަށް ޝިފާޒް އަރައި މާބައިދޫ ޓީމުގެ ކުޅުންތެރިއެއް ކޮއްޕާލުމުން ދިހަ މިނެޓަށް ކުޅުން މެދުކަނޑާލަން ޖެހުނު ކަމަށް އެފްއޭއެމުން ބުނެއެވެ.
އެފްއޭއެމުން ބުނީ، މުބާރާތާ ބެހޭ ކޮމިޓީއަށް ޝިފާޒް އެ އަމަލު ހިންގިކަން ސާބިތުވާތީ އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ 39 އަދި 38 ވަނަ މާއްދާގެ ދަށުން އޭނާއަށް ފިޔަވަޅު އަޅާ ކަމަށެވެ.