ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލާއި އޭޝިއަން މެނޭޖްމަންޓް އިންސްޓިޓިއުޝަން ފޯ ޑިވެލޮޕްމަންޓް އިން ސައުތް އޭޝިއާ (އަމްޑީސާ)އާ ގުޅިގެން 14 ވަނަ ސައުތު އޭޝިއަން ފޯރަމް ރާއްޖޭގައި ފަށައިފި އެވެ.

އެ ފޯރަމް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ. މިއަހަރުގެ ފޯރަމްގައި ކަނޑައަޅާފައި ވަނީ ވެރިކަން ހިންގުމުގެ ދާއިރާ އާއި މެނޭޖުމަންޓު ފެންވަރުގައި އާންމު އުސޫލުތައް ކަނޑައެޅުމާ ގުޅޭ ގޮތުންނެވެ.

ރާއްޖެ ހިމެނޭ ސަރަހައްދުގެ ވެރިކަމުގެ ހިންގުމުގެ ނިޒާމާއި އާންމު އުސޫލުތަކާ ބެހޭ ގޮތުން އެ ފޯރަމްގައި ސައުތު އޭޝީއާގެ އަށް ގައުމަކުން 90 އަށްވުރެން ގިނަ މީހުން ބައިވެރިވެ އެވެ.

ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލްގެ އިތުރުން ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޓުން ވެސް ވަނީ އެ ކޮންފަރެންސްގައި ބައިވެރިވެފަ އެވެ.

އެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހަންމަދު ލަތީފު ވިދާޅުވީ އެ ފޯރަމްގެ މައިގަނޑު މަގުސަދަކީ މެނޭޖްމަންޓްގެ ރޮނގުން ތައުލީމު ލިބިފައިވާ އެކި ފަރާތްތައް އެއްތަންކޮށް، އެބޭފުޅުންގެ ހިޔާލުތައް ހިއްސާ ކުރުން ކަމަށެވެ.

އެގޮތުން އެ ކޮންފަރެންސްގެ މައިގަނޑު މައުޟޫއާ ގުޅޭ ގޮތުން ތަފާތު ދިރާސާ ކަރުދާސްތައް ހުށަހަޅާނެ ކަމަށެވެ.

ސައުތް އޭޝިއަން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ިއިސްމާއިލް ނާފިއު

"ގަވާނެންސްއަކީ ގައުމެއްގެ ކަންކަން އެންމެ ފުރިހަމައަށް ހިންގުމަށްޓަކައި އެނގުން މުހިންމު އެއްޗަކަށްވީއިރު މިފަދަ ކޮންފަރެންސް އަކުން ސައުތު އޭޝިއާގެ ހުރިހާ ގައުމަކަށް ވެސް ބޮޑެތި ފައިދާތަކެއް ލިނިގެން ދާނެ،" އެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓާ މުހައްމަދު ސައީދު ވިދާޅުވި އެވެ.

އެ ކޮންފަރެންސްގައި ހުށަހަޅާ ދިރާސާ ކަރުދާސްތަކުގެ އެހީގައި ސައުތު އޭޝިއާގެ ގައުމުތަކަށް ބޭނުންކުރެވޭނެ ހަރުދާހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފަ އެވެ.