ރާއްޖެއިން އިސްލާމިކް ސޮވެރިން ބޮންޑު ނުވަތަ ސުކޫކު، ބޭރު ގައުމުތަކަށް ވިއްކަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ހުޅުމާލޭގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗެއް ހުޅުވުމަަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެޖޯރިޓީ ޝެއާ ހޯލްޑަރ އިސްލާމިކް ކޯޕަރޭޝަން ފޯ ޑިވެލޮޕްމެންޓް (އައިސީޑީ)އާ ގުޅިގެން، ރާއްޖޭގައި އިސްލާމިކް ފައިނޭންސް ވަސީލަތްތައް އިތުރަށް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި، ބައިނަލްއަގުވާމީ ބާޒާރަށް ވިއްކުމަށް ސޮވެރިން ސުކޫކް ތައާރަފު ކުރާނެ ކަމަށެވެ.

"މިކަން ކޮށްފިނަމަ ބޭރު ދުނިޔެއަށް އެނގޭނެ ރާއްޖޭގެ އިސްލާމިކް ބޭންކިންގާއި އިސްލާމިކް ފައިނޭންސް ކުރިއަރަމުން އަންނަކަން،" މިނިސްޓަރު ވިދާޅުވިއެވެ.

މުނައްވަރު އިތުރަށް ވިދާޅުވީ، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާ ގުޅިގެން ސަރުކާރުން ދަނީ އިސްލާމިކް ފައިނޭންސް މެކަނިޒަމްތައް ކުރިއެރުވުމަށް މާސްޓާޕްލޭނެއް އެކުލަވާލަމުން ކަމަށެވެ.

"މިހާރު ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވެސް ވަނީ މިކަމަށް ރުހުން ދީފައި. މިކަމުގައި އައިޑީބީއާ އެކު މަސައްކަތް ކުރާނެ ގޮތަކާ މެދު އިކޮނޮމިކް ކައުންސިލުގައި މަޝްވަރާ ކުރާނެ،" މުނައްވަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ބޭރަށް ސުކޫކު ވިއްކުމާއި، މާސްޓާޕްލޭން އެކުލަވާލުމަކީ ރާއްޖޭގައި މުސްތަގުބަލުގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އެޅޭ ވަރުގަދަ ދެ ބިންގަލަށް ވާނެ ކަމަށެވެ.

"ސަރުކާރުން ބޭނުންވަނީ ކޮންވެންޝަނަލް ފައިނޭންސިންގް އޮތް ހަމައަށް އިސްލާމިކް ފައިނޭންސް ވެސް ރާއްޖޭގައި އޮތުމަށް،"

އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ ނާރެހަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ސަރުކާރުން ވަނީ ދެ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ. އެއީ މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސާއި ޚަޒާނާ މޯލްޑިވްސްއެވެ.