24 Apr 2017, 21:00
ޖޫނިއާ ޗެމްބާސް އިންޓަނޭޝަނަލުން ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށް އިފްތިތާހު ކޮށްފައިވާ "ޕީސް އިޒް ޕޮސިބަލް" ކެމްޕޭނުގައި ރާއްޖޭގެ ގިނަ ކުންފުނިތަކަކާއި ޖަމިއްޔާތަކުން ބައިވެރިވެއްޖެ އެވެ.
މިއަދު ވަނީ ޕީސް އިޒް ޕޮސިބަލް ކެމްޕޭނުގައި ބައިވެރިވެ، 14 ފަރާތަކުން ސުލްހަވެރި ކަމަށް ސޮއި ކޮށްފައެވެ.
އެއީ ކޮކާ ކޯލާ، ޕްރިންޓް ލެބް، ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ)، އުރީދޫ، އެސްޓީއޯ، ސޮނީ ސްޕޯޓްސް، ޕީއެސްއެމް، އެމްއޭސީއެލް، މޯލްޑިވް ގޭސް، މެޓަލްސިންގްސް، އެލައިޑް އިންޝުއަރެންސް، ނެސްޓަލް، އެމްޕީއެލް އަދި ޔޫތް މިނިސްޓްރީ އެވެ.

"ޕީސް ރަން" ކެންޕެއިންގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖޭސީ އައި މޯލްޑިވްސްގެ ރައީސް މަރިޔަމް ޝިޒްލީން ވިދާޅުވީ،ޕީސް އިޒް ޕޮސިބަލް ކެމްޕޭނާ ގުޅިގެން، ބައިނަލްއަގުވާމީ ސުލްހައިގެ ދުވަސް ކަމުގައިވާ ސެޕްޓެމްބަރު 21 ވަނަ ދުވަހު "ޕީސް ރަން" ނުވަތަ ސުލްހައިގެ ދުވުމެއް ބާއްވަން ރާވާފައިވާ ކަމަށެވެ.
މިދިޔަ އަހަރު ވެސް ވަނީ ސުލްހައިގެ ދުވަހުގައި "ޕީސް ރަން" ނުވަތަ ސުލްހައިގެ ދުވުމެއް ބާއްވާފަ އެވެ.

"ޕީސް ރަން" ކެންޕެއިންގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
ޝިޒްލީން އިތުރަށް ވިދާޅުވީ، އިތުރު ކުންފުނިތަކަށް ވެސް އެ ކެންޕެއިންގައި ބައިވެރިވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
"މިއަދު އަދި ފުރަތަމަ ފޭސްގެ ގޮތުގަ މި ސޮއިކޮށްލީ 14 ޕާޓްނަރުންނާ އެކީގަ. މީ ހަމަ އޯޕަން ކޮށްލާފަ އޮތް އެއްޗެއް. އަޅުގަނޑުމެން ކުރިއަށް ގެންދާނީ އިތުރު ޕާޓްނަރުންނާ އެކީގަ،" ޝިޒްލީން ވިދާޅުވިއެވެ.

"ޕީސް ރަން" ކެންޕެއިންގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
ޝިޒްލީން ވިދާޅުވީ، މިދިޔަ އަހަރު ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު "ޕީސް ރަން"ގައި ބައިވެރި ކަމަށާއި، މިއަހަރު ވެސް ސްކޫލްތަކާއި އިތުރު ޖަމިއްޔާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ،"ޕީސް ރަން" އާ ގުޅޭ ގޮތުން ހުރިހާ މައުލޫމާތެއް މިއަދުން ފެށިގެން ފޯރުކޮށްދޭނެ ކަމަށާއި ކެމްޕޭނާ ގުޅުވައިގެން ބައެއް ހަރަކާތްތައް ހިންގާނެ ކަމަށެވެ.