ދިވެހި ފައިސާގައި މިހާރު ބޭނުން ކުރަމުން އަންނަ ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި އަލަށް ތައާރަފް ކުރާ ޕޮލިމާ ނޫޓު އަންނަ މަހުގެ ތެރޭގައި ތައާރަފް ކުރާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަރުޖަމާން މަންސޫރު ޒުބެއިރު މިރޭ ވިދާޅުވީ، ފަސް ރުފިޔާގެ ޕޮލިމާ ނޫޓު ތައާރަފްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް މިދިޔަ އަހަރު ނެރުނު ރަން ދިހަފަހެއްގައި ހިމެނޭ ނޫޓުތަކާ އެއް ސައިޒަކަށް އަދި އެއް ކޮންސެޕްޓަކަށް ހަދާފައިވާ އެ ނޫޓުތައް ވެސް ފަރުމާ ކޮށްފައިވަނީ، ރަން ދިހަ ފަހެއްގެ ނޫޓުތައް ޑިޒައިން ކުރި އަބްދުﷲ ނަޝާތުއެވެ.

މަންސޫރު ޒުބެއިރު ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ފަސް ރުފިޔާގެ އާ ނޫޓު ތައާރަފްކުރި ނަމަވެސް، އެ ނޫޓް ނެރޭނެ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށެވެ. ނަމަވެސް އެ ނޫޓު ނެރެން ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ވިދާޅުވިއެވެ.

މިހާރު ބޭނުންކުރަމުންދާ ފަސް ރުފިޔާގެ ނޫޓު އުވާލައި، އޭގެ ބަދަލުގައި ފައިސާ ފޮއްޗެއް ނެރެން މީގެ ކުރިން އެމްއެމްއޭއިން ނިންމިއެވެ. ނަމަވެސް ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ އެ ބަދަލު ނުގެންނަން ފަހުން ނިންމިއެވެ.

މިދިޔަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.

އެމްއެމްއޭ އިން ވަނީ މިހާރު ބޭނުންކުރަމުން އަންނަ ދެ ރުފިޔާގެ ފައިސާ ފޮތީގެ ބަދަލުގައި އަލަށް ހަދާ ފައިސާ ފޮތި ލުއި މައުދަނެއްގައި ހަދައި، ނެރުމަށް ނިންމާފައެވެ. އެކަމާ ގުޅޭގޮތުން އެމްއެމްއޭގެ ތަރުޖަމާން ވިދާޅުވީ، އެ މަސައްކަތް ވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އެ ފައިސާ ފޮތި ވެސް ތައާރަފްކުރާނެ ކަމަށެވެ.