ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއޭމް)ގައި ރާއްޖެ އިސްތިހާރުކޮށް ޕްރޮމޯޓު ކުރުމުގައި ދިވެހި 59 ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ދުބާއީގައި މިއަދު ފެށި އެ ފެއާ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި ރާއްޖޭން ބައިވެރިވާ 59 ކުންފުނީގެ ފަރާތުން 125 އަށް ވުރެ ގިނަ ޑެލިގޭޓުން އެ ފެއާގައި ބައިވެރިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އޭޓީއެމްގައި ބައިވެރިވާ ދިވެހި ޑެލިގޭޓްސްއާ އެކު ރާއްޖޭގެ ފަރާތުން އެމްއެމްޕީއާރުސީގެ އެކްޓިންގް މެނޭޖިން ޑިރެކްޓަރު، ހާރިސް މުހައްމަދާއި ޑެޕއުޓީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު ހުސައިން ނިޔާޒުވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެ ފެއާގައި ރާއްޖެ ތަމްސީލު ކުރާ ފަރާތްތަކަށް ދީފައިވަނީ 200 އަކަ މީޓަރުގެ ސްޓޭންޑެކެވެ. އެ ސްޓޭންޑުގައި އެކި ހަރަކާތްތައް ހިންގަން ހަމަޖައްސާފައިވާއިރު ޒިޔާރަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯ ދައްކާލުމާއި، ސޯޝަލް މީޑިއާ ހަރަކާތްތައްވެސް ހިންގަން ވަނީ ހަމަޖައްސާފައެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި މިއަހަރުގެ އޭޓީއެމް ފެއާގައި ބޮޑަށް އިސްކަން ދެނީ އެއާލައިންތަކާ ބައްދަލުކޮށް ޖޮއިންޓް މާކެޓިންއަށެވެ. އޭގެ ފައިދާ ރާއްޖެއާ އެކު އެ އެއާލައިނަކަށްވެސް ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އަރަބިއަން ޓްރެވަލް މާކެޓުގެ ފުރަތަމަ މައުރަޒު ބާއްވާފައިވަނީ 1994 ވަނަ އަހަރު އެވެ. އެއަށްފަހު ކޮންމެ އަހަރަކު އެ ފެއާ ބާއްވަމުން އައިސް މިހާރު އެ ފެއާ ވެފައި ވަނީ މެދު އިރުމަތީގައި ބާއްވާ އެފަދަ އެންމެ ބޮޑު ޓްރެވަލް ފެއާ އަށެވެ.

އެ ފެއާއަށް މިހާރު ކޮންމެ އަހަރަކު 30،000 އަށްވުރެ ގިނަ ޓްރޭޑް ވިޒިޓަރުން ޒިޔާރަތް ކުރެ އެވެ. ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ފެއާއަށް ޓްރެވަލް އިންޑަސްޓްރީގެ ކަމާ ގުޅުން ހުރި އެތައް ބަޔަކު ޒިޔާރަތް ކުރެ އެވެ.

އޭޓީއެމްގެ މިދިޔަ އަހަރުގެ ފެއާއަށް 51،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރި އިރު އެއީ 2015 ވަނަ އަހަރު އެ ފެއާއަށް ޒިޔާރަތް ކުރި މީހުންގެ އަދަދާ އަޅާ ބަލާއިރު 22.3 ޕަސެންޓު އިތުރު އަދަދެކެވެ.

މެދު އިރުމަތީގެ ފަތުރުވެރިންނަކީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ބޮޑު ބައެއް ހިއްސާ ކުރާ ބައެކެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެކަނިވެސް އެސަރަހައްދުން ރާއްޖެއަށް 7350 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.9 ޕަސެންޓުގެ ކުރިއެރުމެކެވެ.