00:00


ކަރަންޓްގެ ބިލްގެ އަގު ބޮޑުވަމުންދާ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެ ކަންތައް ކުރުމަށް ސަރުކާރަށް ފުރުސަތު ދެމުން ޑީއާރުޕީގެ ސިލްސިލާ މުޒާހަރާތައް މެނދުކަނޑާލައިފި އެވެ.


މިރޭ ވެސް ސުނާ ބިނާ ކައިރީގައި ޑީއާރުޕީން ކުރި މުޒާހަރާގައި ކަރަންޓްގެ އަގު ހެޔޮ ކުރުމަށް ގޮވާލި. އަދި ކަރަންޓުގެ އަގު ބޮޑުކޮށްފައި ވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ ހިލާފަށް ކަމަށާއި ކަރަންޓްގެ އަގަށް ބަދަލުނުގެނެވޭނެ ނަމަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ވެސް އެމުޒާހަރާގެ މެންބަރުން ވަނީ ގޮވާލާފަ އެވެ.


ކަރަންޓުގެ އަގު ކުޑަކުރުމަށްދާންދެން ޑީއާރުޕީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާ މެންދުކަނޑާލެއްވި ކަން އިޢުލާންކުރައްވަމުން ސަންއެފްއެމްގެ ބްރޭކިންގ ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ މިރޭ ވިދާޅުވީ މުޒާހަރާ މެދުކަނޑާލެއްވީ ކަރަންޓްގެ މައްސަލަ މި ހަފްތާގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ، ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލުކޮށްނުދެއްވައިފިނަމަ ޑީއާރުޕީން އަނެއްކާ ވެސް މުޒާހަރާކުރާނެ ކަމަށްވެސް ތަސްމީން ވިދާޅުވި އެވެ.


ކަރަންޓު ބިލް ބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ރޭޑިއޯ ހިތާބުގައި ބައްލަވާލެއްވި އެވެ. އެގޮތުން ވަރަށް ގިނަ ރައްޔިތުންނަށް މިކަމުގެ ދަތިތައް އެބަފޯރާ ކަމަށާއި، އެ ދަތިތައް ޙައްލުކުރުމުގައި ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމެއް ރައްޔިތުންނަށް ވެދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމުގައި ވިދާޅުވި އެވެ.