ނާދީއާއި އޯޑިއޯން ހުރި ބިމުގައި ފްލެޓު އެޅުމަށް އިންޑިއާގެ ޓާޓާ ހައުސިންގްއާ ދިވެހި ސަރުކާރުން ހަވާލުކުރި އެއްބަސްވުން މިދިޔަ ހަފްތާގައި ބާތިލުކުރަން ނިންމާފައިވީ ނަމަވެސް، ޓާޓާ އިން އެ ސައިޓުތަކުގައި މަސައްކަތް ކުރިޔަށް އެބަ ގެންދެ އެވެ.

ނާދީއާއި އޯޑިއޯންގައި ފްލެޓު އެޅުމަށް ޓާޓާއާ ހަވާލުކުރި އެއްބަސްވުން ސަރުކާރުން ބާތިލުކުރާން ނިންމީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި ވިދާޅުވީ، އެއްބަސްވުން ބާތިލުކުރުމަށް ޓާޓާއަށް ދީފައިވާ ނޯޓިހުގެ މުއްދަތު މި ހަފްތާގައި ހަމަވާނޭ ކަމަށެވެ. ނަމަވެސް އެއްބަވުން ބާތިލްކުރާނޭ ތާރީޚެއް ހާމައެއް ނުކުރައްވައެވެ.

އެއްބަސްވުން ބާތިލުކުރާން ނިންމި ނަމަވެސް ޓާޓާ ހައުސިންގް އިން ލަގްޒަރީ ފްލެޓު އަޅާ ހެންވޭރު ނާދީ ބިމުގައި މަސައްކަތް ކުރިޔަށް ގެންދާ މަންޒަރުގެ "ސަން"ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

އެއްބަސްވުން ބާތިލުކުރާން ނިންމާފައި ވަނިކޮށް މަސައްކަތް ކުރިޔަށް ގެންދާ ސަބަބާ ބެހޭ ގޮތުން "ސަން"އިން ސުވާލުކުރުމުން، ޓާޓާ ހައުސިންގްގެ ޖެނެރަލް މެނޭޖަރު ކަލޯލް ބިސްވާސް "ސަން"އަށް ވިދާޅުވީ، މާލޭގައި މަސައްކަތް ކުރަމުން ދަނީ ޓާޓާގެ އޮފީހުން އަންގާ ގޮތަށް ކަމަށެވެ.

އަދި އިތުރު މައުލޫމާތު ހޯދުމަށް، އިންޑިއާގެ މުމްބާއީގައި ހުންނަ ޓާޓާގެ އޮފީހަށް ގުޅުމަށް އޭނާ އެންގެވި އެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިންގް މިނިސްޓްރީން މިހާތަނަށް ބަހެއް ނުލިބެ އެވެ.

މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި ވިދާޅުވީ ސަރުކާރުން ޓާޓާއަށް ގިނަ ލުއިތަކެއް ދިން ކަމަށާއި، ނަމަވެސް ލުއިތަކާ އެއްގޮތަށް ވެސް ޓާޓާއިން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ޓާޓާއިން ނެރުނު ބަޔާނެއްގައި ބުނީ ކަންކަން ކުރަމުން ދިޔައީ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.

މިނިސްޓަރު މިދިޔަ ހަފްތާގައި ވިދާޅުވީ ނާދީއާއި އޯޑިއޯންގައި އިމާރާތް ކުރުމުގެ ފުރުސަތު އެ ޓާޓާ އަށް ދެން ނުލިބޭނެ ކަމަށެވެ.

ޓާޓާގެ ބަޔާނުގައި ބުނެފައި ވަނީ އެއްބަސވުން ބާތިލުކުރުމާ ގުޅިގެން ޓާޓާގެ ހައްގުތައް ހިމާޔަތް ކުރެވޭނީ ކޮން ގޮތަކަށްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.