24 Apr 2017, 13:50
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އިނގިރޭސި ކުލަބް ރެޑިން އެފްސީއާ ދެމެދު ދާދި ފަހުންވެވުނު އެއްބަސްވުމުގެ ދަށުން ނިއުއަށް ދޭ ތަމްރީނު ފުރުޞަތު ތަކުގެ ތެރެއިން ފުރަތަމަ ފުރުޞަތު އެޓީމަށް ދީފިއެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބާއި އިނގިރޭސި ފުޓްބޯޅައިގައި 146 އަހަރަށް ވުރެ ގިނަ ދުވަހު ވާދަކުރަމުންއަންނަ ރެޑިންއާ ދެމެދު ވެވިފައިވާ އެއްބަސް ވުމުގައި ވާގޮތުން ރެޑިން އިން ނިއުއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ ކުޅުންތެރިންނަށް ތަމްރީނުތައް ހެދުމުގެ ފުރުޞަތު ދިނުމަށް ވަނީ އެއްބަސްވެފައެވެ.
ނިއުރޭޑިއަންޓްގެ ޗެއާމަން މުހައްމަދު ޒިޔާދު (ކ)- ރެޑިންގެ އެގްޒެކްޓިވް ޑިރެކްޓަރު ސުމްރިތު ތަނަކާޖަނަސްތު ގުޅިގެން މަސައްކަތް ކުރަން އެއްބަސްބުމުގައި ސޮއި ކުރުމަށްފަހު ފޮޓޯ އަކަށް ހުއްޓިގެން--ފޮޓޯ/ ފަޔާޒް މުސާ
ރެޑިންއިން މިފަހަރު ނިއުރޭޑިއަންޓަށް ދީފައިވާ ފުރުޞަތަކީ ކެއުން އަދި ހުރުން ހިމެނޭ ގޮތަށް ނިއުރޭޑިއަންޓް އެކަޑަމީގެ ޒުވާން ދެކުޅުންތެރިއަކު އިނިގިރޭސިވިލާތަށް ގޮސް އެ ގައުމުގައި ހުންނަ ރެޑިންގެ އެކަޑަމީގައި ހަތަރު ހަފްތާ ވަންދެން ތަމްރީން ހެދުމުގެ ފުރުޞަތެވެ.
ނިއުރޭޑިއަންޓުން ބުނީ މި ފުރުޞަތުގެ ބޭނުން ހިފުމުގެ ގޮތުން އެ ކުލަބުގެ އެކަޑަމީއަށް އަންނަ ހަފްތާ ތެރޭގައި އަލަށް ނެގުމަށް މަސައްކަތް ކުރާ 15 އަހަރާއި 19 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ދެ ކުއްޖަކަށް އެ ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި ނިއުއިން ފޮނުވާ ދެ ކުޅުންތެރިންނަށް އެންމެ ފުރަތަމަ ހަތަރު ހަފްތާ ވަންދެން ތަަމްރީނު ހެދުމުގެ ފުރުޞަތު ލިބިގެންދިޔަ ނަމަވެސް ކުޅުންތެރިންގެ ކިބައިން ރަނގަޅު ހުނަރުވެރިކަމެއް ފެނިއްޖެކަމަށްވާ ނަމަ އެ މުއްދަތު އިތުރުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ނިއުރޭޑިއަންޓުން މައުލޫމާތުދެއެވެ.
ރެޑިން އެކަޑަމީ އަކީ އިނގިރޭސި ފުޓްބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީފަދަ ޓީމުތަކުގެ އެކަޑަމީއާ އެއް ފެންވަރުގައި ގިންތި ކުރާ އެކަޑަމީއެކެވެ.