ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އޭނާ 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުނު މައްސަލާގައި އަދީބު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.

އަދީބުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމަށް ފަސް ނުކުތާއެއް ހުށަހަޅާފައިވެ އެވެ.

އެގޮތުން އަދީބަށް ހުކުމްކޮށްފައި ވަނީ ހަމައެކަނި ބަޔަކު ބުނާ ބުނުމެއްގެ މައްޗަށް ކަމަށް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އެއީ "މުތުލަގު މަސްއޫލިއްޔަތު" ކުށްތަކުގައި އަމަލުކުރަން ޖެހޭ އުސޫލާ ޚިލާފު ކަމެއް ކަމަށް އަދީބުގެ ވަކީލުން ފާހަގަ ކުރައްވާފައިވެ އެވެ.

ނަމަވެސް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، އެ މައްސަލައަކީ އަދީބުގެ ފަރާތުން ފާހަގަކުރާ ފަދަ "މުތުލަގު މަސްއޫލިއްޔަތު" އުފުލަން ޖެހޭ ޒާތުގެ ކުށެއްކަން އަދީބުގެ ފަރާތުން ހަވާލާދީފައިވާ ގަޒިއްޔާތަކާއި ވާހަކަތަކުން އެނގެން ނެތް ކަމަށެވެ.

އޭގެ އިތުރުން މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް އަދީބަށް ލިބިފައި ނުވާކަމަށް އަދީބުގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ. އެކަމާ ގުޅިގެން ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، ހެކި ހުށަހެޅި ދުވަހު ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު އަދީބަށް ދީފައިވާ ކަމަށެވެ. އަދި އެ ހެކިންނާ އަދީބުގެ ފަރާތުން ސުވާލުކޮށްފައިވާކަން ބަޔާންތަކުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީން ލިބިދޭ ކުށުގެ ތުހުމަތުން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބިދީފައި ނުވާކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

އަދީބުގެ މައްޗަށް ތިން ދައުވާއެއް ސާބިތުވެ 33 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އިރު، މިހާރު ވެސް އަދީބުގެ މައްޗަށް ދެ ދައުވާއެއް އުފުލި ޝަރީއަތްތަށް ދަނީ ކުރިއަށެވެ.

ކުރިން މައްސަލައިގެ ކަންހިންގިގޮތުގެ ޚުލާސާ

  • މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ 26 ނޮވެމްބަރު 2015 ވަނަ ދުވަހު.
  • ފުރަތަމަ އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން 15 ދުވަހުގެ މުއްދަތެއް ދީފައިވޭ.
  • މައްސަލަ ބެލުމަށް އެކުލަވާލި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ މުހުތާޒު ފަހުމީ، ގާޒީ އަހުމަދު ރަޝީދު އަދި ގާޒީ ސައީދު އިބްރާހީމް.
  • ބެންޗުގެ އިސް ގާޒީ އަކީ މުހުތާޒު ފަހުމީ.
  • އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހަޅައި އަޑުއެހުންތައް ނިންމާލީ 4 ޖޫން 2016 ވަނަ ދުވަހު.
  • ހުކުމް ކުރީ 5 ޖޫން 2016 ގައި