އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ޕެޕް ގާޑިއޮލާގެ މެންޗެސްޓާރ ސިޓީ 2-1 ލަނޑުން ބަލިކޮށް، އެ މުބާރާތުގެ ފައިނަލުން 20 ވަނަ ފަހަރަށް އާސެނަލް ޖާގަ ހޯދައިފިއެވެ.

ލަންޑަންގެ ވެމްބްލީގައި ރޭ ކުޅުނު ފޯރިގަދަ ސެމީ ފައިނަލްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ ޓީމަށް ލަނޑެއް ކާމިޔާބުކުރިވިފައެއް ނުވެއެވެ.

ދެވަނަ ހާފް ފަށައިގެން މެޗުގެ 62 ވަނަ މިނިޓްގައި ސާޖިއޯ އަގުއެރޯ ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. އެހެންނަމަވެސް ސިޓީއަށް އެ ލީޑު ދެމެހެއްޓުނީ އެންމެ 11 މިނިޓްވަންދެނެވެ. އާސެނަލްގެ ނަޗޯ މޮންރިއަލް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އާސެނަލް މޮޅުވި ލަނޑު އެޓީމުން ކާމިޔާބުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު، 1-1 އިން ނަތީޖާ އެއްވަރު ވެފައި އޮތުންމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައެވެ. 101 ވަނަ މިނިޓްގައި އެ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސް ސަންޗޭޒެވެ.

އެފްއޭކަޕްގެ ސެމީ ފައިނަލްގައި މެންޗެސްޓާ ސިޓީކޮޅަށް އާސެނަލްގެ ދެވަނަ ލަނޑު، ސަންޗޭޒް ކާމިޔާބުކުރަނީ. އާސެނަލް މޮޅުވީ 2-1 އިން -- ސަން ފޮޓޯ: އޭޕީ

އެފްއޭކަޕްގެ ފައިނަލްގައި މިހާތަނަށް އެންމެ ގިނަ ފަހަރު ކުޅޭ ޓީމުގެ ރެކޯޑާއެކު އާސެނަލުން މިފަހަރުގެ ފައިނަލްގައި ވާދަކުރާނީ، 21 ވަނަ ގަރުނުގެ ތެރޭގައި އެ މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޗެލްސީއާ ދެކޮޅަށެވެ. މިއީ އެފްއޭކަޕް ފައިނަލްގައި ޗެލްސީ ވާދަކުރާ 12 ވަނަ ފަހަރެވެ.

ޗެލްސީން ވަނީ، ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ހަތަރު ފަހަރަށް އެފްއޭކަޕް ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް މި މުބާރާތް 12 ފަހަރު ކާމިޔާބުކޮށް، ލިސްޓުގެ އެންމެ ކުރީގައި މެންޗެސްޓާ ޔުނައިޓެޑާއެކު އޮތް އާސެނަލަށް މިފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިއްޖެ ނަމަ، މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރުމުގެ ރެކޯޑެއްވެސް މުގުރާލެވޭނެއެވެ.

ޗެލްސީއާ އާސެނަލް ވަނީ 2002 ވަނަ އަހަރުގެ އެފްއޭކަޕް ފައިނަލްގައި ވާދަކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް އާސެނަލް ވަނީ، ދެވަނަ ހާފްގައި ދެ ލަނޑު ކާމިޔާބުކޮށް 2-0 ލަނޑުން ޗެލްސީގެ މައްޗަށް ކުރި ހޯދައިފައެވެ.

އަންނަ މޭމަހުގެ 27 ވަނަ ދުވަހު ވެމްބްލީގައި ކުޅޭ އެފްއޭކަޕް ފައިނަލްގައި އާސެނަލްއާ ޗެލްސީ ވާދަކުރާއިރު، އާސެން ވެންގާގެ ޓީމުގެ ގޯލްބަލަހައްޓާނޭ ކަމަށް ބެލެވެނީ، ޗެލްސީން އެފްއޭކަޕްގެ ފޮނިކަން އެންމެ ގަދައަށް ހޯދި ދުވަސްވަރު އެޓީމުގެ ގޯލް ބެލެހެއްޓި ޕެޓަރ ޗެކްއެވެ.

ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް ވަނީ، އެފްއޭ ކަޕް 6 ފަހަރު ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް އާސެނަލްގެ ސަޕޯޓަރުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް ވެންގާއަށް އަމާޒުވަމުން އަންނައިރު، މިފަހަރުގެ އެފްއޭކަޕް އެޓީމަށް ކާމިޔާބުކުރެވިއްޖެ ނަމަ، އޭނާއަށް ކްލަބުގައި ހުރުމަށް އިތުރު ހިތްވަރެއް ލިބޭނެއެވެ.