24 Apr 2017, 02:29
މިރޭ ސްޕެނިޝް ލަލީގާގައި 10 ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ރެއާލް މެޑްރިޑް ކޮޅަށް އިތުރުވަގުތުގެ ފަހު ވަގުތުގައި ބާސެލޯނާގެ އާޖެންޓީނާ ތަރި ލަޔޮނަލް މެސީ ކާމިޔަބުކޮށްދިން ހިތްގައިމު ލަނޑާއެކު ބާސެލޯނާއިން ރެއާލްމެޑްރިޑް ބަލިކޮށްފިއެވެ.
މިރޭ ރެއާލް ދަނޑުގައި ކުޅުނު މެޗުގައި އެ ޓިމު ބާސާ އަތްދަށުވެ ބަލިވީ 2-3 ގެ ނަތީޖާއަކާއެކުއެވެ.
މެޗު ފެށިންގެން ފުރަތަމަ ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގީ ސްޕެނިޝް ލީގު ތާވަލްގެ އެއްވަނަ މަގަމުގައި އޮތް ރެއާލް މެޑްރިޑުންނެވެ. މެޗުގެ 28 ވަނަ މިނިޓްގައި އެޓީމަށް ލަނޑު ޖަހައި ދިނީ ކެސެމީރޯއެވެ. އޭނާ އެ ލަނޑު ރެއާލަށް ކާމިޔާބުކޮށްދިން އިރުވެސް ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ބާސެލޯނާއިންނެވެ.
ކެސެމީރޯގެ ލަނޑާއެކު ރެއާލް މެޑްރިޑަށް މެޗުގެ ލީޑު ދެމެހެއްޓުނީ ކުޑަ ވަގުތުކޮޅަކަށެވެ. ބާސެލޯނާއިން ނަތީޖާ ހަމަހަމަ ކުރީ ރެއާލްއިން ލަނޑެއް ކާމިޔާބުކުރިތާ 6 މިނިޓް ފަހުން މެޗުގެ 33 ވަނަ މިނިޓްގައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލަޔޮނަލް މެސީއެވެ. މި ލަނޑު މެސީ ކާމިޔާބުކުރީ އިވާން ރަކިޓިޗް ފަހި ކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖައާއެކުއެވެ.
ބާސެލޯނާއިން ދެވަނަ ހާފު ފަށައިގެންވެސް ރަނގަޅަށް ކުޅެމުން ދިޔައިރު މެސީ ފެނުނީ މިރޭގެ މެޗުގައި ތަފާތުކޮށެވެ. މެދުތެރެއަށް ބޯޅަ ފަހިކޮށްދިނުމުގެ އިތުރުން އޭނާ ވަނީ ރެއާލްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައެވެ. ފާއިތުވި ހަފްތާގައި ޔުވެންޓަސް އަތުން ބަލިވެ ޗެމްޕިއަންސް ލީގު ސެމީ އިން ފުރުޞަތު ނުލިބުނު ކަމުގެ ހިތާމަތަކަށް އުފާވެރިކަމެއް މި މެޗުގައި ގެނެސްދިނީ މެޗުގެ 73 ވަނަ މިނިޓްގައި އިވާން ރަކިޓިޗް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ. އޭރިއާ ބޭރުގައި ހުރެ އެނާ ފޮނުވާލި ހަމަލާ ގޮސް ގޯލުގެ ދާގަނޑަށް ފެނު ޖެހުނުއިރު ކީޕަރު ނަވާސްއަށް ވެސް އެބޯޅަ ދިފާއު ކުރުމަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
ލީޑުގައި އޮތް ބާސެލޯނާއިން ފުލުފުލުގައި ރެއާލް ގޯލަށް ނުރައްކާ ކުރަމުންދަނިކޮށް ރެއާލްގެ ރިހޭ ފައިމަށްޗަށް ފޮއެ ވެއްޓުނީ އެޓީމުގެ ދިފާއި އައްޑަނަ ކެޕްޓަން ސާޖިއޯ ރަމޯސް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މެސީއަށް އޭނާ ކުރި ނުރައްކާތެރި ޓެކުލްގެ ސަބަބުން ރެފްރީ ހެނާންޑެޒް ވަނީ އޭނާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
ސާޖިއޯ ރާމޯސްއާ ނުލައި ރެއާލްގެ ޑިފެންސް ފެނުނީ ވަރަށް ނިކަމެތިކޮށެވެ. ބާސާގެ ވަރުގަދަ ފޯވަޑް ލައިނުން ރެއާލްކޮޅަށް އެޓޭކް ކުރަމުންދަނިކޮށް ރެއާލަށް ހިންދެމިލެވުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަމޭސް ރޮޑްރިގޭޒް، ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނުމުންނެވެ. މާސެލޯ ތަނަވަސް ކޮށްދިން ފުރުޞަތަކުން ރޮޑްރިގޭޒް ލަނޑު ކާމިޔާބުކުރީ މެޗުގެ 86 މިނިޓްގައެވެ.
މެޗުގެ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ދެ ޓީިމު ހަމަހަމަކޮށް އޮތް އިރު މެޗުގެ ނަތީޖާ ބަދަލުކޮށްލީ މެސީ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ރީތި ހަމަލާއަކުންނެވެ.
މި ނަތީޖާއާއެކު ބާސެލޯނާއާ ރެއާލްއަށް ވެސް 75 ޕޮއިންޓް ލިބިފައި ވީ ނަމަވެސް މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި ގޯލްގެ ތަފާތުން އޮތީ ބާސެލޯނާއެވެ. ރެއާލަށް ލިބެނީ ދެވަނައެވެ. ތިންވަނައިގައި އޮތީ އެތުލެތިކޯ މެޑްރިޑެވެ.