މާލޭ ލީގުގައި މިރޭ ކުޅުނު މެޗުގައި ގަދަފަދަ ވެލެންސިއާ ބަލިކޮށް ޔުނައިޓެެޑް ވިކްޓަރީން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ވެލެންސިއާ އަތުން ޔުނައިޓެޑް ވިކްޓަރީ މޮޅުވީ 1-0 ގެ ނަތީޖާއަކުނެންވެ.

އެ ނަތީޖާއާއެކު ވެލެންސިއާ އޮތީ ލީގު ތާވަލުގެ ފުލުގައެވެ. އަދި މިރޭ ލިބުނު ތިން ޕޮއިންޓާ އެކު ލީގު ތާވަލްގެ ހަ ވަނަ މަގާމަށް ޖެހިލާފައެވެ.

މިރޭގެ މެޗު ފަށައިގެން ޔުނައިޓެޑް ވިކްޓަރީ ފެނުނީ ލީގުގެ އެހެން މެޗުތަކައި ހިލާފަށް ތަފާތު ކުޅުމެއްދައްކާ މަންޒަރެވެ. މީގެ ކުރިން ތަންކޮޅެއް ވަނދުކޮށް ޓީމު ފެނުނު ނަމަވެސް ކޯޗު މުހައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުން މިރޭ ޓީމު ނުކުތް އިރު އެ ޓީމު ފެނުނީ އެއް ރޫހެއްގައި މޮޅުވުމަށް މަސައްކަތް ކުރި މަންޒަރެވެ.

ވެލެންސިއާ އަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ އަށް ޔޫވީ ގެ ކުޅުންތެރިން ގޭމް ތެރެއަށްވަދެ ކުޅެމުންދިޔަކަމުގެ ނަތީޖާއަކަށްވީ މިރޭގެ މެޗުަގއި ފެނުނު ހަމައެކަނި ގޯލް ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އެޓީމުންވަނީ ކާމިޔާބުކޮށްފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިއާ ނާވީ މުހައްމަދެވެ.

މިރޭގެ މެޗު މި ނަތީޖާއާއެކު ނިމިގެންދިޔައިރު މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ވެލެންސިއާގެ ކޯޗް އަހްމަދު މުޖްތަބާ(ފެސްކޯ) ބުނީ މި މެޗުން ބަލިވުމުން ޓީމަށް ދިމާވެފައިމިވަނީ އުނދަގޫ ހާލަތެއްކަމަށާއި ދެން މި ހާލަތުން އަރައިގަންނަން އުނދަގޫ ވާނެ ކަމަށެވެ. އަދި ލީގު ދެބައިވިއިރު އެ ޓީމު އެހާ ފަހަތުގައި އޮތުމުގެ ސަބަބުން އަލުން ލީގުގެ ރަނގަޅު ހިސާބަކަށް ދިޔުމަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް ފެެސްކޯ ވަނީ ބުނެފައެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކުރީގެ ކޯޝް އަހްމަދު އާތިފް އިސްތިއުފާ ދިނުމާ ގުޅިގެން ލީގުގެ ވަކި ހިސާބަކުން ޓީމާ ހަވާލުވި މުހައްމަދު ނަޒީހް މެޗަަށް ފަހު ބުނީ މިއީ މުހިއްމު ތިން ޕޮއިންޓްކަމަށާއި ކުޅުންތެރި ކުރި މަސައްކަތް ފާހަގަ ކުރާކަމަށެވެ.