އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިއަދު ފެނުނު ބްލޮަގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމިން ރަޝީދުގެ މަރުން ދިވެހި ދައުލަތާއި ރައްޔިތުންނަށް ގެނުވީ ބޮޑު ސިހުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ހިދުމަތަށް 125 އަހަރު ފުރުން ފާހަގަ ކުރުމަށް ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމުގައި ހަމަނުޖެހުން އާންމުވެފައި ނެތަސް "މިފަދަ ކޮންމެ ޖަރީމާއަކީ ސިހުން ގެނުވާ ކަމެއް" ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ބޮލްގަރެއް ޖާނަލިސްޓެއް މިއަދު ކަތިލާ އޭނާގެ ފުރާނަ ޖިސްމާ ވަކިކޮށްލެވިފައި އޮތްތަން. މިއީ ދިވެހި ދައުލަތުން އަޅުގަނޑުމެން އެންމެން ކުށްވެރި ކުރާ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަރުން ދޭހަވެގެންދަނީ "ދިފާއެއް ނެތްކަން" ކަމަށެވެ. އަދި ފަރުދެއްގެ ހައިސިއްޔަތުން ދިރިއުޅޭ ވެށީގައި ބޭނުންވާ ކަށަވަރުކަން ރައްޔިތުންނަށް ދިނުމުގައި މުއައްސަސާތަކުން މާފަށް އެދެން ޖެހޭކަން ކަމަށެވެ. އެހެންނަމަވެސް އެއްވެސް މުއައްސަސާއެއް "ކުށްވެރި ކުރުމުގެ އިނގިއްޔެއް އަޅުގަނޑު ނުނަގާނެ" ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މައްސަލައެއްގެ ތަހުގީގުު މަރުހަލާއަށް ވާހަކަ ދައްކާއިރު މަރުގެ މައްސަލަތަކެއް އޭގެ ފުރިހަމަ ނަތީޖާއާ ހަމައަށް ނުގެންދެވިފައި އެބަހުރި ކަމަށެވެ. "އެކަންކަމާ ސަރުކާރުން ހިތާމަކުރާ" ކަމަށް ރައީސް ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްގޮތަށް ޔާމީން ރަޝީދު މަރާލާފައި އޮތީ އެހާ ގިނަ ހަންޖަރުގެ ޒަހަމްތަކާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރުގެ ތަހުގީގާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ މައްސަލައަކީ އަދިވެސް ތަހުގީގުކޮށް ނިމިފައިވާ މައްސަލައެއް ނޫން ކަމަށެވެ. އޭރު ކަންކަމާ ހަވާލުވެ ވަޑައިގެން ތިއްބެވި ބައެއް ބޭފުޅުން "ހަގީގަތް އެނގިވަޑައިގަންނަވާ ބޭފުޅުން ތިއްބެވި ކަމަށް ވަގުތު ޖެހުނީމަ ހާމަކުރައްވާނަން" ކަމަށާއި ވަގުތަކީ ކޮބާތޯ ރައީސް ސުވާލު ކުރެއްވި އެވެ.

"ވަގުތު ޖެހޭނެ އިރެއް އަޅުގަނޑުގެ ހިޔާލަކަށް ނާދޭ. ކޮންމެ ކަމެއް ހުއްޓުވާ ކަމަށްވަންޏާ އެންމެ ރަނގަޅު ވަގުތަކީ އެންމެ އަވަހަށް އެނގޭ މައުލޫމާތު ތަހުގީގުކުރާ އިދާރާތަކާ ހަވާލު ކުރުން. އެކަމަކު އެ ޒިންމާއެއް އުފުލުނު ކަމަކަށް ނުވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޒިންމާ ނުއުފުލުމުން ބަދުނާމު އެޅިގެން ދަނީ މުޅިން އެހެން ބައެއްގެ ކޮނޑުގައި ކަމަށާއި އެއީ ހިތާމަ ހުރި ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެފަދަ މަރު ތަކަކީ ހަގީގަތާ ހަމައަށް ވާސިލްވާން ޖެހޭ މަރުތައް ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލާގައި ދިވެހި ފުލުހުން ވަރަށް ގިނަ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި ނަމަވެސް އަދިވެސް ހަގީގަތާ ހިސާބަށް ވާސިލް ނުވެވޭ ކަމަށް ރައީސް ވިދާޅުވި އެވެ. ރިލްވާން މައްސަލައިގެ ތަހުގީގަށް ބޭރުގެ އެހީވެސް ހޯދި ކަމަށް ރައީސް ވިދާޅުވި އެވެ.

ޔާމީން ރަޝީދު މަރުވެފައި އޮއްވައި ފެނުނީ ރޭ ފަތިހު ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިންނެވެ. ޔާމިން ގައިގެ 14 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ.