ހދ. ނޮޅިވަރަމްފަރު، ސަބްނަމީގެ، 45، ފާތުމަތު ފައުޒިއްޔާއަކީ އާތުރައިޓްސްގެ ސަބަބުން ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހެކެވެ. މީހަކު ގެންގޮސް ދީފިއްޔާ ނޫނީ ތާކަށް ނުދެވެ އެވެ. އެފަދަ އެތައް ބަޔަކު އުޅެމުންދިޔައީ މިނިވަންކަން ނެތް ބައެއްގެ ހާލުގައެވެ.

އިންސާނީ ހައްގުތަކަށް ޓަކައި މަސައްކަތް ކުރައްވާ އަހުމަދު ހިޝާން ކުރައްވާ މަސައްކަތުގެ ދަށުން މަރްހޫމާ ނާސިރާ އަބްދުﷲގެ ވާރިސުން ހަދިޔާކުރި ފައިސާގެ ތެރެއިން ލިބުނު "އިލެކްޓްރިކް ވީލްޗެއާ" މިހާރުވަނީ ފައުޒިއްޔާއަށް ލިބިފަ އެވެ. އޭނާ އެކަން ސިފަ ކުރަނީ މިނިވަންކަމެއް ލިބުނުގޮތަށެވެ.

ކުޅުދުއްފުށީގައި ގޮނޑި ހަވާލުކުރި ކުދިންތަކާއެކު--- ފޮޓޯ: ހިޝާން

"ވަރަށް ފަސޭހަ މިހާރު، މީހަކަށް ބަރޯސާނުވެ މިހާރު އުޅެވޭނެ، މީގެ ކުރިން ތަންތަނަށް ދާންޖެހެނީ ބައިސްކަލުގައި ކޮންމެވެސް މީހެއް ކައިރި ބުނެގެން،" އުފަލުންހުރި ފައުޒިއްޔާ ބުންޏެވެ.

އަމިއްލައިން އެއްތަނުން އަނެއްތަނަށް:

ދިވެހި ރާއްޖޭގައި މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ މީހުން އުޅެމުންދިޔައީ "ހޮސްޕިޓަލް ވީލްޗެއާ" ނުވަތަ އާދައިގެ ގޮނޑީގަ އެވެ. އެ ގޮނޑިތަކަކީ މީހެއް ކޮއްޕައިދީގެން ނުވަތަ އަމިއްލަ އަތުން ބާރުލާ ކޮއްޕައިގެން ނޫނީ ދުއްވޭ ގޮނޑިތަކެއް ނޫނެވެ.

ކަށީގެ މަޝްހޫރު ޑޮކްޓަރު ހުސެއިން ފައިސަލް ވިދާޅުވި ގޮތުގައި މޮޓޮރައިޒްޑް ވީލް ޗެއާ ނުވަތަ އިލެކްޓްރިކް ވީލްޗެއާ އަކީ ކަރަންޓުން ޗާޖުކޮށްގެން ބޭނުން ކުރާ އެއްޗަކަށްވުމުން އެއްތަނުން އަނެއްތަނަށް ދިއުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަ ވާނެ އެވެ.

"މިފަދަ ގޮނޑީގައި އަމިއްލައިން އެފަދަ ފަރާތްތަކަށް އެއްތަނުން އަނެއްތަނަށް ދެވޭނެ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

އިލެކްޓްރިކް ވީލްޗެއާ: މިގޮނޑި ތަކަކީ އަމިއްލައިން ދުއްވޭގޮނޑިތަކެއް-- ސަން ފައިލް ފޮޓޯ

ހިނގާ ބިނގާވެ އުޅުމަށް ބޭނުންކުުރާ ގުނަވަންތަކަށް މައްސަލަ ޖެހިފައިވާ ފަރާތްތަކަށް މިފަދަ ގޮނޑި މާރައްކާތެރި އެވެ. އިށީނދެ އިނުމަށް ރައްކާތެރިވެފައި މާ ފަސޭހަ އެވެ.

އާންމު ގޮތެއްގައި މިބާވަތުގެ ވީލްޗެއާ ބޭނުން ކުރަނީ މެނުއަލް ވީލްޗެއާ ބޭނުން ނުކުރެވޭ، ނުކުޅެދޭ މީހުންނެވެ. އަދި ދިގު ރާސްތާތަކުގައި ދަތުރު ކުރުމަށް ވެސް އެފަދަ މީހުން މި ބާވަތުގެ ވީލްޗެއާ ބޭނުން ކުރެ އެވެ.

މުޅި ރާއްޖެ ކަވަރުކުރަން 50 ގޮނޑި ބޭނުން

ހިޝާން ވިދާޅުވި ގޮތުގައި އެފަދަ 20 ގޮނޑި މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދީފައިވާއިރު އޭނާގެ މަގުސަދަކީ އެފަދަ ފަރާތްތަކަށް މިނިވަންކަން ހޯދައިދިނުން ކަމަށެވެ.

"ކުރިން އެބޭނުންކުރި ގޮނޑިތަކުގައި މީހަކު ގެންދިޔަަށްޔާ ނޫނީ އެއްތަނުން އަނެއްތަނަށް ނުދެވޭ، މީގެ ގޮނޑިން އަމިއްލައިން ދުއްވާލާފައި އެކުދިންނަށް އެއްތަނުން އަނެއްތަނަށް ދެވޭނެ، އެހެންވެ މަގުސަދަކީ އެކުދިންނަށް މިނިވަންކަން ހޯދައިދިނުން،" ހިޝާން ވިދާޅުވި އެވެ.

އިލެކްޓްރިކް ވީލްޗެއާ ދިން ދެކުދިންނާއެކު ހިޝާން--

ހިޝާން ވިދާޅުވި ގޮތުގައި އޭނާއަށް ލަފާކުރެވޭގޮތުގައި ރާއްޖޭގައި އެފަދަ ގޮނޑި ބޭނުންވެފައިވާ މީހުން އަދި ވެސް ގިނަ އަދަދަކަށް ތިބުމުން މޮޓޯރަލައިޒް 50 ގޮނޑި އަދި ބޭނުންވެ އެވެ. ގޮނޑިއެއްގެ އަގަކީ 26500 ރުފިޔާ އެވެ. އޭނާއެކަން ކުރަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީގަ އެވެ.

"އަޅުގަނޑު މިކަން މިކުރަނީ ތަންތަނަށް ޕުރޮޕޯސަލް ހަދައިގެން ގޮސްގެން، އެސްޓީއޯ އިން މިހާރު ކުރެޑިޓް ސުކީމަށް ގޮނޑި ލިބޭ، އާއިލާ މެމްބަރުންނަށް ވެސް މިހާރު އެހެންވީމަ ފަސޭހަކަމާ އެކު މިފަދަ ގޮނޑި ހަދިޔާ ކުރެވޭނެ،" ހިޝާން ވިދާޅުވި އެވެ.

ހިޝާން އަންނަނީ އަތޮޅުތެރޭ އެކި ރަށްރަށަށް ދަތުރުކޮށް އެފަދަ ގޮނޑިއާއި އެކިއެކި އެހީތެރިކަން ބޭނުންވާ ފަރާތްތައްދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހިޝާންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ނުކުޅެދޭ ގޮނޑީގައި ތިބޭ ހުރިހާ ފަރާތްތަކަށް އަމިއްލައިން އެއްތަނުން އަނެއްތަނަށްދެވޭ އޭގެ ގޮނޑި ހޯދައިދިނުމެވެ.