ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ރިޔާސަތު ބަލަހައްޓަވާ ބެންޗަކުން ބައްލަވަން ފައްޓަވައިފި އެވެ.

މީގެކުރިން އެމައްސަލަ ބައްލަވާފައިވަނީ ގާޒީ އާދަމް އާރިފް އެވެ. ނަމަވެސް މިއަދު ޝަރީއަތުގެ މަޖިލީސް ފަށާފައިވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އިސް ގާޒީ ބާރީގެ އިތުރުން ދެން ބެންޗުގައި ތިއްބެވީ ގާޒީ އާދަމް އާރިފް އާއި ގާޒީ އަހުމަދު ޝަކީލް އެވެ.

ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، އެ ދައުވާތަކަށް ގާސިމް ވަނީ އިންކާރު ކުރައްވާފައެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވަނީ، ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތަކުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމުގައި ވަކީލުންގެ ފަރާތުން އިޖުރާއީ ހަތަރު ނުކުތާއެއް ފާހަގަކޮށްފައިވީ ނަމަވެސް ކޯޓުން ވަނީ އެ ނުކުތާތައް ބަލައި ނުގަތުމަށް ނިންމައިފައެވެ. އަދި ދައުވާއާއިގެން ކުރިއަށް ދިއުމަށް ޝަރީއަތުންވަނީ ނިންމަވައިފައެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ، ދައުވާއަށް ޖަވާބު ދާރީވުމަށް މިއަދު ފުރުސަތު ދެއްވި ނަމަވެސް، މައްސަލައާ ގުޅިގެން ބައެއް ލިޔެކިޔުންތަކާއި ސީޑީ ލިބިފައި ނެތުމުން އެތަކެތި ހޯދުމަށްފަހު ޖަވާބުދާރީ ވުމަށް ފުރުސަތަކަށް އެދުމުން އެ ފުރުސަތު ގާޒީ ދެއްވާފައިވާ ކަމަށެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.