ރާއްޖޭގެ މަޝްހޫރު ރިސޯޓް، ސަން ސިޔާމް އިރުފުށިން އިންތިޒާމްކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ޓޫރިޒަމް ފިލްމު ފެސްޓިވަލްގެ ކާމިޔާބީ އަށްފަހު އޭގެ ދެ ވަނަ ފެސްޓިވަލް މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖެއާއި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިސްތިހާރު ކުރުމަށް "ފޮލޯ ދަ އީކުއޭޓާ"ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ އެ ފެސްޓިވަލް މިއަހަރު ބާއްވަން ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 16 އިން 18 އަށެވެ.

ސަން ސިޔާމް އިރުފުށިން ބުނީ، މިއަހަރުގެ ޓޫރިޒަމް ފިލްމު ފެސްޓިވަލަށް ފިލްމު ވީޑިއޯ ހުށަހެޅުމުގެ ފުރުސަތު ފިލްމު އުފައްދާ ފަރާތްތަކާއި ޕްރޮޑިއުސަރުންނަށް މިއަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން 11 ދާއިރާއަކުން ފިލްމު ވީޑިއޯ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، މިދިޔަ އަހަރާ ހިލާފަށް މިއަހަރުގެ ކެޓަގަރީތަކުގެ ތެރޭގައި ދިވެހިންނަށް ހާއްސަ ކޮށްގެން ގައުމީ ޕްރޮޑަކްޝަންގެ ކެޓަގަރީއަކާއި ތަޖުރިބާ މަދު އަދި ދަރިވަރުންނަށް ހާއްސަ ކެޓަގަރީއެއް ވަނީ ހިމަނާފައެވެ.

އަދި ދިވެހިންގެ ތެރެއިން ފިލްމު ވީޑިއޯ އުފައްދާ ފަރާތްތަކަށް ނުވަތަ އެކަމަށް ޝައުގުވެރިކަން ހުންނަ މީހުންނަށް، ތަޖުރިބާކާރެއްގެ ފަރާތުން މާސްޓާސް ކުލާސްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ސަން ސިޔާމް އިރުފުށިން މައުލޫމާތުދެއެވެ.

މިއަހަރުގެ ފެސްޓިވަލަށް ފިލްމު ވީޑިއޯ ހުށަހެޅޭނެ ކެޓަގަރީތައް:

  • ޓޫރިޒަމް ޑެސްޓިނޭޝަން
  • ކަލްޗަރަލް ޓޫރިޒަމް
  • އެންވަޔަރަމަންޓް އެންޑް އިކޯ ޓޫރިޒަމް
  • އެޑްވެންޗާ ޓޫރިޒަމް
  • އެތްނޮގުރަފީ އެންޑް ސޮސައިޓީ
  • ވޯޓާ
  • ކަލްޗަރަލް ކަނެކްޝަންސް
  • ހޮޓެލްސް އެންޑް ރިސޯޓްސް
  • ޓޫރިޒަމް ސާވިސަސް
  • ނޭޝަނަލް ޕްރޮޑަކްޝަން (ހަމައެކަނި ދިވެހިންނަށް)
  • އެމަޗުއާސް އެންޑް ސްޓޫޑަންޓް (ތިން މިނެޓަށްވުރެ ދިގު ނޫން)

ޖޯންރާ:

  • ޑޮކިއުމަންޓަރީ (60 މިނެޓަށްވުރެ ދިގު ނޫން)
  • ޕްރޮމޯޝަނަލް (15 މިނެޓަށްވުރެ ދިގު ނޫން)
  • ކޮމާޝަލްސް (60 ސިކުންތައްވުރެ ދިގު ނޫން)

ސަން ސިޔާމް އިރުފުށި ރިސޯޓުން ބުނީ، މިއަހަރުގެ ފިލްމު ފެސްޓިވަލަށް ހޮވޭ ފަރާތްތައް ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ހާމަކުރާނެ ކަމަށެވެ.

ސަން ސިޔާމް ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަންގެ އިތުރުން ޓޫރިޒަމް ފިލްމު ފެސްޓިވަލްގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު އިފްތިތާހް ކޮށްދެއްވި މިދިޔަ އަހަރުގެ ފެސްޓިވަލަށް ރާއްޖެއާ އެކު ދުނިޔޭގެ 20 ގައުމަކުން 200 އަށްވުރެ ގިނަ ފިލްމު ވީޑިއޯ ހުށަހަޅާފައިވެއެވެ.

ދުނިޔޭގެ މަޝްހޫރު ޖަމިއްޔާތަކުންނާއި ފާހަގަކޮށްލެވޭ މަގްބޫލް ތަރިން ބައިވެރިވި މިދިޔަ އަހަރުގެ ފެސްޓިވަލުގެ ގްރޭންޑް ޕްރައިޒް ނުވަތަ ފެސްޓިވަލްގެ އެއްވަނަ ގެންދިޔައީ ތުރުކީގެ ޑައިރެކްޓަރެކެވެ. އަދި ފެސްޓިވަލްގައި ދިން 10 އެވޯޑްގެ ތެރެއިން އެންމެ ގިނަ އެވޯޑް ގެންދިޔައީ ރަޝިއާ އިންނެވެ.