ތޫނު އެއްޗަކުން ހަމަލާދީ ރޭ މަރާލި ސޯސަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު ދިރުއުޅޭ ގޭ ކައިރީގަ ހުރި ބައެއް ސީސީޓީވީ ކެމެރާތައް ހުރީ އެހެން ދިމާލަކަށް އަނބުރާލާފައި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޔާމިންގެ ބައްޕަ ބުނެފިއެވެ.

ރާއްޖެ ޓީވީއިން ގެނެސްދިން ލައިވްގައި ވާހަކަ ދައްކަމުން ޔާމީންގެ ބައްޕަ ހުސެން ރަޝީދު ބުނީ ޔާމިންއާ އާއިލީ ގޮތުން ގާތް ފަރާތަކުން މައުލޫމަތުދިން ގޮތުގައި ޔާމިންއަށް ހަމަލާދިން އިރު އެ ސަރަހައްދުގައި ހުރި ބައެއް ކެމެރާތައް ހުރީ އެހެން ދިމާލަކަށް އަނބުރާލާފައި ކަމަށެވެ.

"ކޮންމެހެން ފުލުހެއްގެ ހައިސިއްޔަތަކުން ނޫން އޭނަ[ޔާމީން]ގެ ބޮޑުދައްތައަކާއި އިދެގެން އުޅޭ ޕޮލިހުގައި މަސަތްކަތްކުރާ މީހަކު އަޅުގަނޑުކައިރީގައި ބުނީ ކެމެރާ ހުރީ އަނބުރާލާފައޭ،" ޔާމިންގެ ބައްޕަ ބުނެޏެވެ.

ޔާމީނަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ ރޭ ދަންވަރު އޭނާ ގެ އަށް ވަތް ގަޑީގައެވެ. އަދި އޭނާ މަރުވެފައި ވަނީ ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޔާމީންގެ މަރު މިނިވަން ކަމާއި އިންސާފުވެރިކޮށް ތަހްގީގްކޮށްދިނުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މައުމޫން އާއި ރައީސް ނަޝީދުގެ އިތުރުން ރައީސް ވަހީދު ވަނީ ގޮވާލާފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމިންގެ މަރުގެ މައްސަލަ ތަހްގީގް ކުރުމުގައި އެ އިދާރާއަށް ލިބިފައިވާ ހުރި ހުރިހާ ވަސީލަތެއް އޭގެ އެންމެ މަތީ ދަރަޖާގައި ބޭނުން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ޔާމިންގެ ހަށިގަނޑު މިހާރު ވަނީ ފުލުހުން ނަގަން ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އާއިލާއާ ހަވާލުކޮށްފައެވެ. އަދި އާއިލާ އިން ވަނީ އޭނާގެ ހަށިގަނޑު ވަޅުލުމަށް ހުޅުމާލޭއަށް ގެންދިއުމުގެ މަސަތްކަތް ކުރަމުންނެވެ.