23 Apr 2017, 00:41
ތިން ފަނޑިޔާރުންނަށް ލިބޭ "ނޯ އެލިމިނޭޝަން" ބާރު ބޭނުންކޮށް، މޯލްޑިވިއަން އައިޑޮލްގެ ގަދަ ފަހެއްގެ ހުރިހާ ބައިވެރިން ސަލާމަތްކޮށްފި އެވެ.
މޯލްޑިވިއަން އައިޑަލްގެ ގަދަ ފަސް ބައިވެރިންނަކީ ހަމޫދު އަހްމަދު، މުހައްމަދު ތަސްނީމް (ބޮބް)، އިބްރާހިމް ވަހީދު (ބޮޑުބެ)، އަބްދުﷲ ހިޝާން އަދި ޝަމްވީލް މުހައްމަދެވެ.
މިރޭގެ ޝޯގެ އެލިމިނޭޝަން ޝޯ ކުރިއަށް ދިޔައީ މިދިޔަ އަހަރުގެ މޯލްޑިވިއަން އައިޑޮލް ލައިޝާ ޖުނައިދާއި އައިޑޮލްގެ މިދިޔަ ސީޒަންގެ ގަދަ ދިހައެއްގައި ހިމެނުނު ބައެއް ބައިވެރިންނާ އެކުގައެވެ. ގަދަ ފަސް ބައިވެރިން ވަނީ މިދިޔަ ސީޒަންގެ ތަރިންނާ އެކު ތިން ލަވައިގެ މެޑްލީ ޑުއެޓެއް ހުށަހަޅާފައެވެ.
މިރޭ އެލިމިނޭޝަން ވަގުތުކޮޅުގައި އެންމެ ފުރަތަމަ ސަލާމަތްވީ ހަމޫދާއި ތަސްނީމެވެ.
މިހަފްތާގެ ބޮޓަމް ތުރީގައި ހިމެނުނީ، ހިޝާން، ބޮޑުބެ އަދި ޝަމްވީލެވެ.
އެހާ ހިސާބުން ޝޯގެ ފަނޑިޔާރު އަބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) ކޮޅަށް ތެދުވެ ބުނީ، ތިން ފަނޑިޔާރުން ވެސް މަޝްވަރާކޮށް މިރޭ އެއްވެސް ބައިވެރިޔަކު ޝޯއިން ވަކިނުވާނެ ކަމަށެވެ.
މިއީ ބޭރު ގައުމުތަކުގައި ވެސް ބާއްވާ އައިޑަލް ފްރެންޗައިސްތަކުގައި ވެސް ފަނޑިޔާރުންނަށް ލިބޭ ބާރެކެވެ. މިއީ ކޮންމެ ސީޒަނެއްގައި ވެސް ފަނޑިޔާރުންނަށް އެންމެ ފަހަރަކު ބޭނުންކުރުމަށް ލިބޭ ފުރުސަތެކެވެ.
ފަނޑިޔާރުންގެ މި ނިންމުމާ ގުޅިގެން އަންނަ ހަފްތާގެ ޝޯގައި ދެ ބައިވެރިޔަކު ކަޓައި، ޝޯގެ ގަދަ ތިނެއް ކަށަވަރުވާނެއެވެ.
ހުކުރު ދުވަހުގެ ރޭ އޮތް އައިޑަލްގެ ގާލާ ޝޯގައި ކޮންމެ ބައިވެރިއަކުވެސް ދެ ލަވައެއް ހުށަހެޅިއެވެ. ފުރަތަމަ ހުށަހެޅުމަކަށް ބައިވެރިން ހުށަހެޅީ ޝޯގެ ފަނޑިޔާރު އައްފާންގެ ޗޮއިސްގެ ލަވައެކެވެ. ދެ ވަނައަށް ބައިވެރިން ހުށަހެޅީ އެކޯސްޓިކް ލަވަތަކެވެ.
މިރޭގެ ޝޯގައި ބޭންކް އޮފް މޯލްޑިވްސްްގެ ފަރާތުން ގަދަ ފަހެއްގެ ކޮންމެ ބައިވެރިއަކަށްވެސް 10،000 ރުފިޔާގެ ވެލިއު ހުރި ޑު ހަދިޔާ ކުރިއެވެ.