22 Apr 2017, 21:14
ސީރިއާގައި ހަނގުރާމަ ކުރަމުން ދަނިކޮށް ދިވެއްސަކު މަރުވެފައިވާ ކަމަށް ދިވެހި ހަނގުރާމަވެރިންގެ މައުލޫމާތު ފަތުރާ ބަޔަކު ބުނެފި އެވެ.
ސީރިއާގައި މަރުވާ ދިވެހިންގެ މައުލޫމާތު މީގެ ކުރިން ވެސް އާންމުކޮށްފައި ވަނީ ބިލާދް އަލް ޝާމް މީޑިއާއިންނެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އެ މީޑިއާއިން ދަނީ ދިވެހިން ހަނގުރާމަވެރިންނާ ބެހޭ މައުލޫމާތު ފަތުރަމުންނެވެ.
ބިލާދް އަލް ޝާމުން ބުނެފައި ވަނީ ސީރިއާގައި އިއްޔެ މަރުވީ އަބޫ ޔޫނުސް އަލް މާލްދީފީ ނަމަކަށް ކިޔާ މީހެކެވެ. ސީރިއާ ހަނގުރާމައާ ގުޅޭ ދިވެހިން ނަން ބަދަލު ކުރާތީ، އާންމުކޮށް ދިވެހިން އޭނާއާ މުހާތަބު ކުރާ ނަމެއް ނޭނގެ އެވެ. އޭނާއަކީ ކޮން ރަށަކަށް ނިސްބަތްވާ މީހެއް ކަމެއް ނޭނގެ އެވެ.
ސީރިއާގައި މަރުވި ޒުވާނާގެ ފޮޓޯ ވެސް ބިލާދް އަލް ޝާމުން ވަނީ އާންމުކޮށްފަ އެވެ. އެ ޒުވާނާ މަރުވީ ތައިބާތު އަލް އިމާމުގައި ހަނގުރާމަ ކުރަމުން ދަނިކޮށް ކަމަށް އެ މީޑިއާއިން ބުންޏެވެ.
ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ދިއުމާއި ބައިވެރިވުމަކީ ރާއްޖޭގެ ގާނޫނު ބުނާގޮތުން މަނާކަމެވެ. އަދި އެފަދަ ބައެއް ފަރާތްތައް ހައްޔަރުކޮށް ދައުލަތުން ވަނީ ދައުވާ ވެސް އުފުލާފަ އެވެ.
ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުނެފައި ވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކާ 49 ފިރިހެނަކު ގުޅިފައިވާ ކަމަށެވެ.
ނުރަސްމީ މަސްދަރުތަކުން ހާމަ ކުރާ ތަފާސްހިސާބުން ދައްކާ ގޮތުން ސީރިއާ ހަނގުރާމައަށް 100 އަށް ވުރެ ގިނަ ދިވެހިން ވަނީ ގޮސްފަ އެވެ.