19:00


ކަރަންޓްގެ އަގު ބޮޑުކުރުމާ ދެކޮޅަށް ސްޓެލްކޯ ކައިރިއަށް އެއްވެ ކުރި މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކުރީ، ހެންވޭރުކޮޅަށް ރޭ އެއްވި ބައެއް ފަރާތްތަކުން އަމީނީމަގު ސްޓެލްކޯއާ ދިމާ ފުލުހުން ބަންދުކޮށްފައިވަނިކޮށް ފުލުހުންގެ ސަފުތައް ރޫޅާލައި، ފުލުހުންނަށް ޙަމަލާދިނުމަށްފަހު، މުޒާހަރާގެ ބައިވެރިން  ސްޓެލްކޯއާ ދިމާލަށް ދިއުމުން އިތުރު ފުލުހުންގެ އެހީތެރިކަމާއެކު، އެމީހުން ހުއްޓުވައި އެސަރަޙައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ނަސޭހަތްތެރިވެ، އިންޒާރު ކުރުމުންވެސް އެ ސަރަހައްދު ދޫކޮށް ނުދިއުމުން ކަމަށް ފުލުހުން ބުނެފި އެވެ.


ރޭ ހިނގި މި ހާދިސާއާ ބެހޭގޮތުން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ތަކުރާރުކޮށް ނަސޭޙަތްތެރިވެ، އިންޒާރުކުރުމަށްފަހު އެސަރަޙައްދުން މީހުން ފޮނުވާލާފައިވަނީ، ސްޓެލްކޯއަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ފޯރުކޮށްދޭ މުހިންމު މުއައްސަސާއަކަށް ވެފައި، އެސަރަޙައްދަށް ވަދެތިބި ފަރާތްތަކަކީ ފުލުހުންނާ ކުރިމަތިލާ ފުލުހުންގެ ސަފުތައް ރޫޅާލުމަށްފަހު ނުކިޔަމަންތެރިކަން ދެއްކުމަށްފަހު ވަދެތިބި ބަޔަކަށް ވުމާއެކު، އެތަނުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ތިބުމަކީ ރައްކާތެރި ކަމަކަށް ނުވުމާއި، ރޭގަނޑު ދަންވަރުގެ ވަގުތެއްގައި ގިނަ ޢަދަދެއްގެ ބަޔަކު، މީހުން ދިރިއުޅޭ ސަރަޙައްދެއްގެ މަގުބަނދުކޮށްގެން ތިބުމުގެ ސަބަބުން، ގިނަ ޢަދަދެއްގެ ރައްޔިތުންނަށް، އެމީހުން ދިރިއުޅޭ ތަންތަނަށް ވަދެ ނިކުމެ ހެދުމަށާއި މަގުގެ ބޭނުން ކުރުމަށް ތަފާތު އުނދަގޫތައް ފޯރަމުން ދާކަމުގެ ޝަކުވާތަކެއް ތަކުރާރުކޮށް ފުލުހުންނަށް ލިބެމުންދިއުމާގުޅިގެން ކަމަށެވެ.  އަދި އެސަރަޙައްދަށް އެއްވި މީހުން ކުޑަކުދިންގެ ބަގީޗާގެ ބައެއް ތަންތަނަށް ގެއްލުންދީ ގަލުން ޙަމަލާދީ ސްޓެލްކޯގެ ބިއްލޫރިގަނޑެއް ތަޅާލާފައި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެއްވި މީހުން ފޮނުވާލި ވަގުތު އެތަނުން ދިޔަ ބައެއް ފަރާތްތަކުން ހެންވޭރުގައި ހުންނަ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ޙަމަލާދީ އެތާގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާ ކަމަށާއި، ގަލާއި އެހެނިހެން ތަކެތި ފުލުހުންނާއި ދިމާއަށް އުކުމުގެ ސަބަބުން ބައެއް ފުލުހުންގެ ބޯފަޅައިގެން ގޮސް ގިނަ ޢަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.


ރޭ ހިނގި މިހަމަނުޖެހުމާއި ގުޅިގެން އެސަރަޙައްދުން މީހުން ފޮނުވާލުމުގެ ތެރޭގައި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ޖެހުނު ނަމަވެސް ހެންވޭރު ޕޮލިސް ސްޓޭޝަންގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތުކުރެވޭ 18 އަހަރުން ދަށުގެ ކުއްޖަކު ފިޔަވާ އިތުރު ފަރާތެއް ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.


އެ ބަޔާނުގައި އަދި ބުނެފައިވަނީ، ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން، ސްޓެލްކޯ ހިމެނޭ ސަރަޙައްދު ބަންދުކޮށްފައިވަނިކޮށް އަދި ހެންވެރުކޮޅަށް އެއްވެ، ޝުޢޫރުފާޅުކުރަމުންދިޔަ ފަރާތްތަކަށް އެސަރަޙައްދުގެ ޓްރެފިކާއި ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓާދެމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އިސްކޮށް ތިއްބަވައިގެން އެ ސަރަޙައްދު ދޫކޮށް ސްޓެލްކޯއާ ދިމާ މަގުބަންދުކޮށްގެން ޑިއުޓީއަށް ތިބި ފުލުހުންނަށް ޙަމަލާދީ ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅާ ފުލުހުންގެ ސަފުތައް ރޫޅާލުމަށްފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުގެ ތެރެއަށް ވަދެގަތް ވަދެގަތުން ފުލުހުން ކުށްވެރިކުރާ ކަމަށެވެ. އަދި ޝުޢޫރު ފާޅުކުރުމަށް އެއްވެ، މުޒާހަރާކުރާނަމަ އެކަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރުމަށް އެފަދަ ކަންތައްތައް ރާވާ އިންތިޒާމުކުރާ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.


ރޭގެ މުޒާހަރާ ރޫޅާ ލުމުގައި އާއްމުންނަށް އަނިޔާވެފައިވާކަމެއް އަދި އެ ސަރަހައްދުގައި އެހެންބަޔަކު ކުރަމުންދިޔަ މުޒާހަރާގެ ސަބަބުން އާއްމުންނަށް އުނދަގޫވަމުންދިޔަ ކަމެއް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައެއްނުވެ އެވެ.