ބަތަލާ ކަރިސްމާ ކަޕޫރު ދެވަނަ ކައިވެންޏެއް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނި ނަމަވެސް، އެފަދަ ވިސްނުމެއް ކަރިސްމާ ނުގެންގުޅޭ ކަމަށް އޭނާގެ ބައްޕަ ރަންދީރު ކަޕޫރު ބުނެފި އެވެ.

ކަރިސްމާގެ ކައިވެނީގެ ވާހަކަތައް ދެކެވެން ފެށީ އޭނާގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު ދެވަނަ ކައިވެންޏެއް ކުރުމުންނެވެ. ސަންޖޭ ކައިވެނި ކޮށްފައި ވަނީ މޮޑެލް ޕްރިޔާ ސަޗްދޭވް އާ އެވެ.

ރަންދީރު ބުނީ ކަރިސްމާ އަކީ ވަރަށް އުފާވެރި މަންމައެއް ކަމަށާއި ކައިވެނީގެ ވާހަކަ ކަރިސްމާ ދައްކާފައި ނުވާ ކަމަށެވެ.

"ކަރިސްމާ ކައިވެނި ކުރަން ބޭނުންވާ ނަމަ އަހަރެންގެ ރުހުން އަބަދުވެސް ލިބޭނެ. އެކަމަކު އަހަންނަކަށް ހިއެއް ނުވެ ކަރިސްމާ ކައިވެނި ކުރަން ބޭނުންވާ ހެނެއް،” ރަންދީރު ބުނެފައިވެ އެވެ.

ފުރަތަމަ ކައިވެނިން ކަރިސްމާ އަށް ވަނީ ދެ ކުދިން ލިބިފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ވަކިވުމަށް ފަހު، ކަރިސްމާ އާއި ސަންޖޭ ވަރިވެފައި ވަނީ މިދިޔަ އަހަރު އެވެ.