ބޮލީވުޑުގެ ބަތަލާ ސޯހާ އަލީ ޚާން ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އޭނާގެ ފިރިމީހާ އަދި އެކްޓަރު، ކުނާލް ކެއްމޫ ޔަގީންކޮށްދީފި އެވެ. ދެމީހުންގެ ފުރަތަމަ ދަރިފުޅަށް ސޯހާ ބަލިވެ އިންކަމަށް ބުނެ ރިޕޯޓުތައް ދައުރުވާން ފެށުމާ އެކު ކުނާލް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ސޯހާ ބަލިވެ އިންކަން ޔަގީން ކޮށްދިނުމަށް ކުނާލް ކުރި ޓުވީޓުގައި ބުނެފައި ސޯހާ ވިހާނީ މި އަހަރުގެ ފަހުކޮޅުގައި ކަމަށެވެ.

އަދި ކުއްޖަކު ލިބެން އުޅޭތީ ވަރަށް ބޮޑަށް އުފާވާ ކަމަށާއި، އެއީ ދެމީހުންގެ ފުރަތަމަ "ޖޮއިންޓް ޕްރޮޑަކްޝަން" ކަމަށެވެ.

ކުނާލް (33) އަދި ސޯހާ (38) ކައިވެނި ކުރީ 2015 ވަނަ އަހަރު ބޭއްވި ވަރަށް ޕްރައިވެޓް ރަސްމިއްޔާތެއްގަ އެވެ. ސޯހާ އާއި ކުނާލް ފުރަތަމަ ބައްދަލުވީ 2009 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ޑޫންޑުތޭ ރެހެ ޖާއޮގޭ' ގެ ސެޓުންނެވެ. އެއަށް ފަހު ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ކުނާލް ސޯހާ ގާތު އިންނަން އަހާފައި ވަނީ 2014 ވަނަ އަހަރު ޕެރިސްގަ އެވެ.

ސޯހާ ބަލިވެ އިންކަން ހާމަކޮށްފައިވާ އިރު، ސޯހާ އާއި ކުނާލް ވަރިއާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ބުނެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. ނަމަވެސް ކުނާލް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.