ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު ވަޒީފާ އަދާކުރާ މީހުން މަތީ ތައުލީމް ހާސިލްކުރާ މިންވަރު ގިނަ ވަމުން އަންނަ ކަމަށް ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ފަވާޒު ޝަރީފް ވިދާޅުވެއްޖެއެވެ.

ގައުމީ ޔުނިވާސިޓީގެ ކޯސްތަކާއި ތަނާ ގުޅޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމަށް މިއަދު ހަވީރު ފެށި "ފަހި ދުވަސް" ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ފަވާޒު ވިދާޅުވީ، ޔުނިވާސިޓީގެ އަމާޒަކީ ގައުމަށް ބޭނުންވާ އެކި ދާއިރާތަކުގެ ކޯސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރު ކުރުން ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު، މަތީ ތައުލީމް ހާސިލްކުރާ ވަޒީފާ އަދާ ކުރާ މީހުން އިތުރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ދަރިވަރުންނަކީ ފުލްޓައިމްކޮށް ކިޔަވާ ދަރިވަރުންނަށް ވާތީ، ފުލްޓައިމްކޮށް ކިޔަވަމުން ވަޒީފާ އަދާކުރުމަކީ ދިމާވާ ގޮންޖެހުމެއްކަން ފާހަގަކުރައްވާ ފަވާޒު ވިދާޅުވީ، މަސައްކަތުގެ ދާއިިރާގައި އުޅުއްވަމުން ކިޔަވަން ވަޑައިގަންނަވާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކަށް އެމްއެންޔޫ އިން އިތުރު ހައްލުތައް ހޯދަމުން ދަނީ ކަމަށެވެ.

ފަވާޒު ވިދާޅުވީ، ޔުނިވާސިޓީގެ ކޯސްތައް އުދަނގޫ ވެގެން ބައެއް ދަރިވަރުން ޝަކުވާ ކުރާ ކަމަށާއި ކޯސްތައް އުދަނގޫވުމަށްވުރެ ކޯހުގައި ކުރަންޖެހޭ ކަންތައްތައް ގިނަވެގެން އުދަނގޫ ވުމަކީ ޔުނިވާސިޓީއަށް ލިބޭ ފަހުރެއް ކަމަށެވެ.

އަދި ވިދާޅުވީ، ޔުނިވާސިޓީގެ ކޯސްތަކުގެ ފެންވަރު މަތިކޮށް ދުނިޔޭގެ ފެންވަރުގެ ކޯސްތަކަކަށް ހެދުމަށް މަސައްކަތްތަކަކަށް ކުރަމުން އަންނަ ކަމަށެވެ.