ބާރު އަޑުފައްގަނޑާއެކު ދެ ގޮވުމެއް ގޮވައި ގދ.ފިޔޯރީ އިންޖީނުގޭގައި އަލިފާން ރޯވިއިރު އެ އިންޖީނުގޭ ޓެކްނީޝަން، އެރަށު ޗިޗަންޑާގޭ، ނާޒިދް އަބްދުﷲ ހުރީ އިންޖީނުގޭ ތެރޭގަ އެވެ. ނުކުމެވޭނެ ގޮތެއްނެތް އިރު އަލިފާން ނިއްވޭނެ ގޮތެއް ވެސް އެއިންޖީނު ގެއަކު ނެތެވެ. އެވަގުތަކީ ހުކުރު ވަގުތެވެ. މީހުން ހުކުރުން އައިއިރު އަލިފާންގަނޑު އޮތީ ބޮޑަށް ރޯވެފަ އެވެ. ނަމަވެސް އަލިފާން ނިއްވޭނެ އެއްވެސް ވަސީލަތެއް އެއިންޖީނުގޭގައި ގާއިމް ކޮށްފައިނެތުމުން އެކަމަށް ބޮޑެތި ހުރަސްތަކެއް އެޅުނެވެ.

"އޭރުވެސް ބަޔަކު ދިޔައީ ފެން ޖަހަމުން، އަލިފާން ގަނޑު ނިއްވާލެވުނީ ވެލި ޖަހައިގެން، ދެން ސުކޫލުން ގެނައީ އަލިފާން ނިއްވާ ފުޅިއެއް، މީހުން އެތެރެއަށް ވަތްއިރު ނާޒިދު އޮތީ ފިހިފައި ވެއްޓި، އޭރު ނޭވާލާ، ބޭރަށް ނެރުމާ އެކު މަރުވެއްޖެ،" އެ އިންޖީނުގޭ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ނާޒިދު މަރުވި ހާދިސާ ހިނގި އިންޖީނުގޭ-- އެއިންޖީނުގެއަށް މާ ބޮޑެތި ގެއްލުންތަކެއްނުވޭ-- ފޮޓޯ: ފޭސްބުކް

ނާޒިދު މުޅި ހަށިގަނޑުހެން ވަނީ ފިހިފަ އެވެ. އިންޖީނުގޭގައި ހުރި އެންމެ ޒުވާން މުވައްޒަފު މަރުވެގެން ދިޔައީ އަލިފާނުގެ ގަދަ ހޫނުގައި ސަލާމަތްވާނެ ގޮތެއް ނެތި އެވެ.

އެއީ އިއްޔެގެ ހާދިސާއެވެ. މީގެ ކުރިން ރައްޔިތުން އެމީހުން އަމިއްލައިން ހިންގަމުން ދިޔަ އިންޖީނުގެތަކާއި ޔޫޓިލިޓީސްތަކާއި އަދި ފަހުން ފެނަކައިން ހަވާލުވެގެން ހިންގަމުންދާއިރު އެފަދަ އެތައް ހާދިސާއެއް ހިނގަ އެވެ. ބައެއް ހާދިސާތަކުގައި ލިބޭ ގެއްލުންބޮޑުވެ ފުރާނަ ގެއްލޭ ހިސާބަށް ކަންކަން ދަނީ އެވެ. އޭގެ އަނެއް ހާދިސާއަކީ ކަރަންޓްގައި ޖެހި ގއ. ވިލިނގިލި، ޒިއުރިކްވިލާ، އަހްމަދު ތައުފީގު،26، މަރުވި ހާދިސާ އެވެ. ދެެހާސް ފަނަރަވަނަ އަހަރުގެ ޑިސެމްބަރު މަހު ހަ ވަނަ ދުވަހު ކަރަންޓުގައި ޖެހި އޭނާ ވަނީ ނިޔާވެފަ އެވެ. އޭނާ ކަރަންޓްގައި ޖެހުނުއިރު ސޭފްޓީއަށް ބޭނުންކުރާނެ ތަކެތި ފެނަކައިން ނުދޭކަމަށް އެއާއިލާއިން ބުނެ އެވެ.

"ސޭފްޓީއެއް ނެތް. އަހުމަދަށް ދީފައިވާ ސޭފްޓީ ބޫޓު ވަރަށް ކުޑަ، އެ ނުލެވޭ، އެކަން އޭނާގެ ސުޕަވައިޒަރަށް އަންގާފައި އޮތީ،" ފެނަކައިގައި މަސައްކަތް ކުރާ އަހުމަދުގެ ކޮއްކޮ އިސްމާއިލް ތައުފީގު، ބުންޏެވެ.

ކޮންމެ އަކަސް ފަހުގެ ތާރީހެއްގައި ފެނަކައިގެ ދެ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް ދިމާވި ހާދިސާތަކުން މަރުވެފައިވާ އިރު އިހުމާލްތައް ފާހަގަކުރެވެ އެވެ. މުވައްޒަފުންނަށް އެންމެ އެކަށޭނަ ރައްކާތެރިކަން އެވަނީ ފޯރުކޮށްނުދީ އެވެ.

އަލިފާން ނިއްވޭނެ ގޮތްތަކެއް ނެތް!

ރާއްޖޭގެ ގިނަ ރަށްތަކަކަށް ބަލާއިރު އިންޖީނުގެތަކުގައި އަލިފާން ނިއްވޭނެ ގޮތެއް ނެތެވެ. އަލިފާން ނިއްވާ ފުޅި ހުރި އިންޖީނުގޭތަކުގެ ތެރެއިން ވެސް މުއްދަތު ހަމަވާއިރު އާ ނުކުރެވޭ މައްސަލަ ބޮޑެވެ. އަދި އިންޖީނުގެތައް މީހުން ދިރިއުޅޭ ގެތަކާއި އެހާ ކައިރި ހުންނައިރު އަލިފާން ނިއްވޭނެ ގޮތެއް ނެތުމަކީ ބޮޑު ނުރައްކަލެކެވެ.

ފެނަކައިގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ މާލީ ހާލަތު ހުރިގޮތުން ހުރިހާ ރަށެއްގެ އިންޖީޏުގެތަކުގައި އަލިފާން ނިއްވާނެ ނިޒާމް ގާއިމްކުރެވިފައި ނެތްއިރު އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ސޭފްޓީތައްވަނީ ފޮނުވާފައި: ފެނަކަ

މީގެ ކުރިން ފެނަކަ މުވައްޒަފުން ކަރަންޓުގެ ނުރައްކާ މަސައްކަތް ކުރަމުން ދިޔައީ ސޭފްޓީ އާއި ނުލަ އެވެ. ނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިން ހުރިހާ މުވައްޒަފުންނަށް ބޭނުންވާ ސޭފްޓީ ބޫޓާއި ބޮއިލަރު ޝޫޓް ފަދަ ތަކެތި ވަނީ ހަމަކޮށްފައި ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކަ ބުރާންޗެއްގެ މެނޭޖަރަކު މައުލޫމާތު ދިން ގޮތުގައި މުވަށްޒަފުންގެ ސޭފްޓީ ކިޓް މިހާރު ލިބިފައިވި ނަމަވެސް މަސައްކަތް ކުރާއިރު އެތަކެތި ބޭނުން ނުކުރާ މައްސަލަ ފާހަގަ ކުރެވޭ ކަމަށެވެ.

"އިނގޭނޫންތޯ ދިވެހިންގެ ގޮތް، ސޭފްޓިއަކަށް ނުބަލާ، އެގޮތުން ބައެއް މުވައްޒަފުން ސޭފްޓީ ބޭނުން ނުކުރޭ ބުންޏަސް، އެއީ މުވައްޒަފުންގެ ކަމެއްނު،" އޭނާ ވިދާޅުވި އެވެ.

އެފަދަ ކަންކަން އިތުރުވާ ނަމަ މުވައްޒަފުންނަށް މަސައްކަތު މާހައުލުގެ ރައްކާތެރިކަން ބުނެދިނުމަށް ހާއްސަ ތަމްރީނުތައް ބާއްވައި އެކަންކަމަށް ހޭލުންތެރި ކުރުމަކީ މުހިންމު ކަމެކެވެ. އެހެން ނޫންނަމަ ނުރައްކާ ހާދިސާތައް ހިނގުން ގިނަވާނެ އެވެ.

ސިޔާސީ ގޮތުން ވަޒީފާތަކެއް ނުދީ ގާބިލް މީހުންނަށް ވަޒީޒާ ދިނުމަކީ ވެސް މުހިންމު ކަމެކެވެ.

އިންޖީނުގޭތައް ގެތަކާ ދުރުކުރަން ޖެހޭ

ބައިނަލްއަގުވާމީ އުސޫލްތަކަށް ބަލާއިރު ވެސް އިންޖީނުގެއަކީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަން ޖެހޭ ތަނަކަށްވާއިރު އަތޮޅުތެރޭ ގިނަ ރަށްރަށުގެ އިންޖީނުގެތައް ހުންނަނީ މީހުން ދިރިއުޅޭ ގެތަކާ އިންވެގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުމާއި އިންޖީނުގެ އަޑުގަދަ ވުން ފަދަ އެތައް އުނދަގުލެއް އެތައް ބަޔަކަށް ކުރަން ވަނީ ޖެހިފަ އެވެ. ހާއްސަގޮތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އެގެތައް އެނދުމުގެ ފުރުސަތު ބޮޑެވެ.

މީހުން އުޅޭ ގެތަކާއި ކައިރި ހުންނަ އިންޖީނުގެއެއް--- ސަން ފައިލް ފޮޓޯ

ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް މީހުން ދިރިއުޅޭ ސަރަހައްދުގައި އިންޖީނުގެތައް ހިންގުމަކީ ރާއްޖޭގައި އާންމު ކަމަކަށްވާ އިރު ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އެއީ ސިއްހަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ޑޮކްޓަރު އުސާމާ އަލީ އުމަރު ވިދާޅުވީ ޖަނަރޭޓަރުން އަރާ ދުމާއި ރޭޑިއޭޝަންގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށެވެ.

"މިކަމުގެ ސަބަބުން ކެންސަރަށް މަގުފަހިވޭ، ވަރަށް ބިރުވެރިކަމެއް މިއީ، އެހެންވެ އެމެރިކާ ފަދަ ގައުމުތަކުގައި އެފަދަ ތަންތަން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ނުބަހައްޓާނެ،" ޑރ. އުސާމާ ވިދާޅުވި އެވެ.

ކުޑަކުދިންނުން ފެށިގެން އެތައް ބަޔަކަށް ނޭވާ ހިއްލުމުގެ މައްސަލަތައް ކުރިމަތިވުން މުޖުތަމައުގައި ދަނީ އިތުރުވަމުންނެވެ. ތަފާތު ދާއިމީ ބޮޑެތި ބަލިތައް ޖެހުން ވަނީ އާންމުވެފަ އެވެ. މިއީ މިފަދަ މާހައުލުގެ ނޭދެވޭ އަސަރެވެ.

ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ އެކުންފުނިން އަލަށް އިމާރާތްކުރާ އިންޖީނުގެތައް އަޅަނީ އެންމެ ރައްކާތެރި ސަރަހައްދުގައި އިންޖީނުގެއެއް އަޅަން ޖެހޭ ރަނގަޅު ތަކެތި ބޭނުން ކޮށްގެން ކަމަށެވެ. އާ އިންޖީނުގެތައް އަޅަން އޮތް ހުރަހަކީ ބަޖެޓުގެ ދަތިކަންކަމަށް އޭނާ ވިދާޅުވި އެވެ.

އިންޖީނުގެތައް ކުޑަވުމާއި އިންޖީނާއި ތެޔޮ ޓެންކުގެ އިތުރުން އިންޖީނުގެ އެކިބައިތައް އެންމެ ރައްކާތެރި ގޮތްގޮތަށް ނުބެލެހެއްޓި އަދި އެތަކެތި ބަހައްޓަން ޖެހޭ ދުރުމިނުގައި ނުބެހެއްޓުމަކީ ވެސް ހިތާމަވެރި ހާދިސާތައް ހިންގަން އޮތް ފުރުސަތެކެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މިހާރުން މިހާރަށް ހުރިހާ ރަށެއްގެ އިންޖީނުގެތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިންޖީނު ރޫމްތެރޭގައި ހުރި ބެޓަރީތައް އިންޖީނު ރޫމުން ބޭރުގައި ބެހައްޓުން ހިމެނެ އެވެ. އަދި ކޮންޓްރޯލް ރޫމަށް ވެސް ކޮންމެވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމައިފަ އެވެ.

"ކޮންޓްރޯލް ރޫމުން އިންޖީރޫމަށް ވަންނަން ހުންނަ ދޮރުގެ އިތުރުން ކޮންޓްރޯލް ރޫމުން ބޭރަށް ވެސް ދެވޭކަހަލަ ގޮތެއް ހެދުމަށް މިވަނީ ނިންމާފައި. މިކަހަލަ ސަލާމަތީ ފިޔަވަޅުތަކެއް އަޅުގަނޑުމެން މިއަދުން މިއަދަށް އަޅަން ފަށާނަން،" ޝަރީފް ވިދާޅުވި އެވެ.

ކޮންމެ އަކަސް ގިނަ ރަށްރަށުގެ އިންޖީނުގެތައް މިވަނީ ބޮޑު ބިރަކަށްވެފަ އެވެ. ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅިފައިވާލެއް ދަށްކަމުން އެތައް ފުރާއެއް އެދަނީ ގެއްލެމުންނެވެ. އިހުމާލް ބޮޑެވެ. ދެންވެސް އިތުރަށް މިފަދަ ހާދިސާތަކެއް ހިނގުމުގެ ކުރިން އެކަށޭނަ ފިޔަވަޅު އަޅައި އެކަންކަން ހުއްޓުވަން ޖެހެ އެވެ.