21 Apr 2017, 13:36
ޕެރިސް (އެޕްރީލް 21) : ފަރަންސޭސިވިލާތުގެ ޕެރިހަށް ރޭ ދިން ބަޑީގެ ހަމަލާތަކުގެ ޒިންމާ، އައިއެސް ޖަމާއަތުން އުފުލައިފިއެވެ.
އައިއެސްގެ ނޫސް އެޖެންސީ "އަލްއަޢްމާޤް" އިން ބުނީ ޕެރިހުގެ ޝާންޒްލީޒޭ މަގަށް ރޭ ދިން ހަމަލާ ތަންފީޒުކުރީ އެޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިއެއް ކަމަށްވާ އަބޫޔޫސުފް އަލްބެލްޖީކީ ކަމުގައެވެ.
މިއީ އައިއެސް އާ ދެކޮޅަށް ދޭ ހަމަލާތަކުގައި ފަރަންސޭސިވިލާތް ބައިވެރިވާތީ އެކަމަށް ދިން ރައްދެއްކަމަށާ މިފަދަ އެތަށް ހަމަލާއަކާ ފަރަންސޭސިވިލާތް އަދި ދޭނެކަމުގެ އިންޒާރުވެސް އައިއެސްގެ ނޫސް އެޖެންސީ ދީފައިވެއެވެ.
ޕެރިހުގެ ޝާންޒްލީޒޭ މަގަށް ރޭ އިރާކޮޅު ދިން ހަމަލާގައި ފަރަންސޭސި ފުލުހުންގެ އެކަކު މަރުވެ އިތުރު ދެމީހުން ޒަޚަމްވެފައިވެއެވެ. މިހަމަލާދިން މީހާ ދެނެގަނެވިފައިވާ ކަމަށް ފަރަންސޭސި ފުލުހުން ބުނެފައިވީނަމަވެސް އެމީހާއާބެހޭ އެއްވެސް މައުލޫމާތެއް އެފަރާތުން އަދި ހާމަކޮށްފައެއް ނުވެއެވެ. މިހަމަލާއާބެހޭގޮތުން މައުލޫމާތު ދެއްވަމުން ޕެރިހުގެ ޕްރޮސެކިއުޓަރ ފްރާންސްވާ މޮލާން ވިދާޅުވީ ޝާންޒްލީޒޭ ގެ ހަމަލާގެ ފަހަތުގައިވަނީ އެންމެ މީހެއްކަމަށާ ފުލުހުންގެ ރައްދު ހަމަލާގައި އެމީހާ މަރުވެފައިވާ ކަމުގައެވެ.
ޝާންޒްލީޒޭ ގެ ހަމަލާއަށްފަހު ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދްވަނީ ބޮޑުވަޒީރު ބާނާޑް ކަޒްނޯވް އާއި ދާޚިލީ ވަޒީރު މެޓިޔަސް ވިކްލް އާއި ފުހުންގެ އިސްވެރިޔާއާއެކު ކުއްލި ބައްދަލުވުމެއް ބާއްވައި އެކަމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެހަމަލާއަށްފަހު ޕެރިހާއި ފަރަންސޭސިވިލާތުގެ ބޮޑެތި ސިޓީތަކުގައި ސަލާމަތީ ފިޔަވަޅުތައްވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
ޝާންޒްލީޒޭ ގެ ހަމަލާއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއީ ޓެރަރިސްޓް ހަމަލާއެއްކަމަށް ސިފަކުރައްވައި ފަރަންސޭސި ރައީސް އޮލާންދް އަށް ހަމްދަރްދީގެ މެސެޖެއް ފޮނުއްވާފައެވެ. ޓްރަމްޕްގެ އިތުރުން ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުންވެސްވަނީ އޮލާންދް އަށް ހަމްދަރްދީގެ މެސެޖްތައް ފޮނުއްވާފައެވެ. (އަލްޖަޒީރާ)