20 Apr 2017, 23:34
ތައުލީމީ ހަޔާތުގެ ދުވަސްތައް ގުނަމުންދާ ދަރިވަރުން "ޗީޓް" ނުކުރުމަށް، ނުވަތަ މަކަރު ހަދައި އޮޅުވާނުލުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ އެދިވަޑައިގެންފި އެވެ.
މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ޗީޓް ނުކުރުމާ ގުޅޭ ގޮތުން ޓީޗަރަކު ދަރިވަރުންނަށް ދިން މިސާލުތަކެއް ނަންގަވައި އެ މިސާލުތަކަށް އަލިއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ހަތަރު މިސާލެއް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ގައުމެއް ފުނޑު ފުނޑުކޮށްލަން އެޓޮމިކް ބޮމާއި މިސައިލްތަކެއް ބޭނުމެއް ނުވޭ. އަދި އިމްތިހާނުގައި ދަރިވަރުން ޗީޓް ކުރުމަށް ފުރުސަތު ދީފި ނަމަ އެގައުމެއް ފުނޑު ފުނޑުވެދާނެ،"
ގައުމެއް ފުނޑު ފުނޑުކޮށްލަން އެޓޮމިކް ބޮމާއި މިސައިލްތަކެއް ބޭނުމެއް ނުވޭ. އަދި އިމްތިހާނުގައި ދަރިވަރުން ޗީޓް ކުރުމަށް ފުރުސަތު ދީފި ނަމަ އެގައުމެއް ފުނޑު ފުނޑުވެދާނެ،ރައީސް ޔާމީން
އެ މިސާލުގެ އިތުރުން ތިން މިސާލެއް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެގައުމެއްގެ ތައުލީމީ ނިޒާމު ފެއިލް ވެއްޖެ ނަމަ ގައުމު އަނދަވަޅަކަށް ވެއްޓިދާނެ ކަމަށެވެ.
"މިކަހަލަ މިސާލެއް ދިނީމަ އަޅުގަނޑުމެން ޚިޔާލަށް އެބަ ނެގޭ ކީއްކަން މިވަނީ. އެކަމަކު އެވްރީޑޭ ރޫޓީންގަ މީގެ އެއްވެސް ކަމަށް އެއްވެސް ވަރެއްގެ ޚިޔާލެއް ނުހުރޭ ވިސްނުމެއް ނުހުރޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތައުލީމީ ހަޔާތް ނިންމާލުމަށްފަހު މަސައްކަތުގެ މާހައުލަށް ނުކުންނަ އިރު ޗީޓް ކޮށްފައި ހުރި ކުއްޖަކަށް ލިބޭ "ރިވޯޑެއް" ނޯންނާނެ ކަމަށެވެ. އަދި އެފަދަ މިސާލުތަކުން އިބްރަތް ހާސިލްކޮށްގެން އެފަދަ ކަންކަމާ ދުރުވުމަށް ރައީސް ދަރިވަރުންގެ ކިބައިން އެދިވަޑައިގަތެވެ.
ސިއްހީ ދާއިރާގައި ޑޮކްޓަރަކު އެމީހެއްގެ އެގްޒާމްގައި ޗީޓްކޮށްފި ނަމަ ކުރިމަތި ވެދާނެ ހާލަތަކާ ގުޅޭގޮތުން މިސާލު ދައްކަވަމުން ރައީސް ވިދާޅުވީ "އެގްޒާމްގައި ޑޮކްޓަރަކު ޗީޓްކޮށްފި ނަމަ ސާޖަރީއެއް ކުރާއިރު އެ ޕޭޝަންޓަކު ދުނިޔެ ދޫކުރަންވެސް ޖެހިދާނެ" ކަމަށެވެ.
އެގްޒާމްގައި ޑޮކްޓަރަކު ޗީޓްކޮށްފި ނަމަ ސާޖަރީއެއް ކުރާއިރު އެ ޕޭޝަންޓަކު ދުނިޔެ ދޫކުރަންވެސް ޖެހިދާނެ،ރައީސް ޔާމީން
އެހެންކަމުން އެ ދާއިރާއިން ކިޔަވާއިރު ތީސިސް ފަދަ ދިރާސީ ރިޕޯޓުތައް ލިޔާއިރު ޗީޓް ނުކޮށް، ނުވަތަ ކޮޕީ ޕޭސްޓު ނުކޮށް އަމިއްލަ ހުނަރުންނާއި އަމިއްލައަށް އުނގެނިފައި ހުރި މައުލޫމާތެއް ހިމަނަން އިސްކަން ދިނުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.
"ޓީޗަރަކު ތަމްރީން ވާއިރު، އިމްތިހާނުން އެ ޓީޗަރަކު ޗީޓްކޮށްފި ނަމަ އެޓީޗަރަކު ތައުލީމް އުނގަންނައިދޭ ދަރިވަރަށް ކުރިއެރުމެއް ނުލިބޭނެ،" ތައުލީމީ ދާއިރާއިން މިސާލެއް ޖައްސަވަމުން ރައީސް ވިދާޅުވިއެވެ.
އިމާރާތް ކުރުމުގެ ދާއިރާގެ މިސާލެއް ޖައްސަވަމުން ރައީސް ވިދާޅުވީ، "ހަދަމުންދާ އިމާރާތެއްވެސް ވެއްޓިދާނެ އެ އިމާރާތުގެ ސްޓްރަކްޗަރަލް އިންޖިނޭރުން އިމްތިހާނުގަ ޗީޓް ކޮށްގެން ފާސްވެފައިވާ ނަމަ."
އޭގެ އިތުރުން ރައީސް ވިދާޅުވީ މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ލީޑިން ސްކޫލެއް ކަމަށާއި އެސްކޫލު ފަދަ ދެވަނަ ސްކޫލެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ދިވެހި ދީބަށް މަޖީދިއްޔާ ސްކޫލު ގެނެސްދޭ ރީތި ނަމަށްވުރެ ބޮޑު ޝަރަފެއް ގެނެސްދޭ އެހެން ތަނެއް އޮވެގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކަމެއް ހާސިލް ކުރުމަކީ ގަދަ އަޅައި މަސައްކަތްކޮށްފި ނަމަ ފަސޭހަކަމެއް. އެކަމެއްގައި ދެމި ހުރުމަކީ ނުވަތަ އެ ޝަރަފުގައި ދެމިހުރުމަކީ ގޮންޖެހުމެއް. އެކަމެއް ނުކުރެވޭނެ އެގްޒާމް ހަދާއިރު ޗީޓްކޮށްގެންނެއް،ރައީސް ޔާމީން
"ކަމެއް ހާސިލް ކުރުމަކީ ގަދަ އަޅައި މަސައްކަތްކޮށްފި ނަމަ ފަސޭހަކަމެއް. އެކަމެއްގައި ދެމި ހުރުމަކީ ނުވަތަ އެ ޝަރަފުގައި ދެމިހުރުމަކީ ގޮންޖެހުމެއް. އެކަމެއް ނުކުރެވޭނެ އެގްޒާމް ހަދާއިރު ޗީޓްކޮށްގެންނެއް. ޗީޓްކޮށްފިއްޔާ ރިއަލް ލައިފްގަ މި މިސާލުތަކުން ފެންނަ ކަންކަން ކުރިމަތިވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ސްކޫލުން ދަރިވަރުން އުފައްދަނީ މާދަމާ ގައުމާ ހަވާލުވާނެ ކުދިން ކަމަށެވެ. އަދި އެކިއެކި ފަންނީ ދާއިރާތަކުގެ ކުދީންވެސް އެ ސްކޫލުން އުފައްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަދު ދައުލަތުގެ ކަންކަން އެބަ ހިންގޭ މަޖީދިއްޔާ އުފައްދާފަ ތިބި ދަރިންނަށް. އެހެންވީމަ މަޖީދިއްޔާ ދެންވެސް އުފައްދާ ދަރިވަރުންނަކީ އަންނަ އޮތް ޖީލުގަ މިހާރު ތިބި ދަރިން އެކުދިންނާ ހަވާލުކުރާ ދަންމަރު ހިފައިގެން ދުވެވޭ ވަރުގެ ބަޔަކު މަޖީދިއްޔާ އުފައްދަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ ދަރިވަރަކަށް ވީތީ ފަޚުރުވެރިވާ ކަމަށެވެ. އަދި އެ ސްކޫލުން ތައުލީމް ހާސިލްކުރެވުމަކީ އެމަނިކުފާނަށް ލިބުނު ވަރަށް މަތިވެރި ޝަރަފެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ތިބި ދަރިވަރުންވެސް ވަރުގަދަ އަޒުމަކާ އެކު އެ ސްކޫލުގެ އުލޫމީ ދަންމަރުގައި ހިފަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.