20 Apr 2017, 19:20
މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓު ކުރުމާ ގުޅޭ ގޮތުން ބޭރު ގައުމުތަކުގައި ތިއްބަވާ ދިވެހި ސަފީރުންނާ މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ހޮޓެލް ޖެންގައި އިއްޔެ ފެށި "އެނުއަލް މީޓިން އޮފް ހެޑް އޮފް މިޝަންސް" ގައި އެވެ. މިއަދު އެ ބައްދަލުވުން ނިންމާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ފަތުރުވެރިކަމާއި އިންވެސްޓްމެންޓްގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް ބޭރު ގައުމުތަކުގައި ހުންނަ އެމްބަސީތަކުން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންނެވެ.
"ވަރަށް ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވުނީ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށްޓަކައި އަދި އެކި ގައުމުތަކުން ޓޫރިސްޓުން އިތުރު ކުރުމަށްޓަކައި ސަފީރުންނަށް ކުރެވިދާނެ ކަންތައްތަކާއި ސަފީރު އޮފީހުން އެ މަސައްކަތްތައް ބައްޓަން ކުރާނެ ގޮތްތަކާ ބެހޭ ގޮތުން،" އާސިމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމާ ގުޅޭ ގޮތުން ސަފީރުންނަށް މައުލޫމާތު ދެއްވަން ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އިގްތިސާދީ ދާއިރާއިން މައުލޫމާތު ދެއްވުމަށް ވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މީގެ ބޭނުމަކީ އަޅުގަނޑުމެން މިނިސްޓްރީ މެދުވެރިކޮށް ކޮމާޝަލް ޑިޕްލޮމެސީގެ ދާއިރާ ކުރިއެރުވުން. މިހާރުވެސް ތަފާތު މިޝަންތަކުގަ މަސައްކަތްތައް ކުރެވެމުން އެބަދޭ،" އާސިމް ވިދާޅުވިއެވެ.
އޭގެ އިތުރުން ބައިނަލް އަގުވާމީ ދުނިޔޭގައި ރާއްޖެ ޕްރޮމޯޓު ކުރާއިރު ތިމާވެއްޓާއި ސަސްޓެއިނެބަލް ޑިވެލޮޕްމަންޓަކީ މުހިއްމު ކަމެއް ކަމުން އެކަމާ މެދުވެސް މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީންވެސް ވަޑައިގެން ސަފީރުންނާ ވާހަކަ ދެއްކެވި އެވެ.
މިނިސްޓަރު އާސިމް ވިދާޅުވީ އެ ބައްދަލުވުން ނުބޭއްވޭތާ މިހާރު ތިން އަހަރު ވެއްޖެ ކަމަށާއި، ނަމަވެސް ސަރުކާރުން އަމާޒަކީ ކޮންމެ އަހަރަކުވެސް އެ ބައްދަލުވުމަށް ބޭއްވުން ކަމަށެވެ. އެގޮތުން ދެން އަންނަ އަހަރު ތަކުގައި އެ ބައްދަލުވުން ބާއްވަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.