20 Apr 2017, 19:51
ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ ޚަބަރުތައް ގެނެސްދޭ މަޖައްލާ، ހޮޓެލިއަރ މޯލްޑިވްސްއިން ބާއްވާ ޖީއެމް ފޯރަމް ބާއްވައިފިއެވެ.
މިއަހަރުގެ ފޯރަމް ބާއްވާފައިވަނީ ހުޅުލޭ އައިލެންޑް ހޮޓެލްގައެވެ. އެ ފޯރަމްގައި، ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން 40 ރިސޯޓެއްގެ މެނޭޖަރުންނާއި، އެ ސިނާއަތުގައި ލީޑަރުންގެ ގޮތުގައި ފާހަގަ ކުރެވޭ 100 އެއްހާ ފަރާތްތަކުން ބައިވެރިވި އެވެ.
އެ ފޯރަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި، އެ މައްސަލަތައް ޙައްލުކުރާނެ ގޮތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ.
ހޮޓެލިއާއިން އިންތިޒާމުކޮށްގެން ބޭއްވި އެ ފޯރަމުގައި ރާއްޖޭގައި ހެދިފައި ހުރި، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ބައެއް ގަވާއިދުތަކާއި ގާނޫނުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރިއެވެ. އަދި ރިސޯޓު މެނޭޖްމަންޓް ދާއިރާގައި ދިމާވާ ދަތިތަކާއި އެކަންކަން ހައްލު ކުރުމާ މެދުވެސް މަޝްވަރާ ކުރެވުނެވެ. އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށީގެ މުހިއްމު ކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރިއެވެ.
އެމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޕެނަލް ޑިސްކަޝަންތަކުންނާއި ޕްރެޒެންޓޭޝަންތަކުންނެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ފޯރަމުގައި ސަރުކާރުގެ ފަރާތުން ތަގުރީރު ދެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤް އިބްރާހިމެވެ. އޭނާ ވިދާޅުވީ މުޅި ރާއްޖެ ބައޮސްފިއާ ރިޒާވަކަށް ހަދަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
މި އަހަރުގެ ފޯރަމުގައި މަޝްވަރާކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ދަތުރުފަތުރު، ވަޒީފާއާ ބެހޭ ޤާނޫނު، ތަފާސްހިސާބު، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒް ކުރުން، އަދި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް މާކެޓްކޮށް އިސްތިހާރު ކުރުން ހިމެނެއެވެ.
މިއީ ހޮޓެލިއާ މޯލްޑިވްސްއިން، ޖީއެމް ފޯރަމް ބާއްވާ ދެވަނަ އަހަރެވެ. މި ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރު އެވެ. އެގޮތުން މިދިޔަ އަހަރު އެ ފޯރަމުގައި 20 ރިސޯޓެއްގެ މެނޭޖަރުން ބައިވެރިވި އެވެ.