ދުނިޔޭގެ ދެވަނައަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިއާ، ސެރީނާ ވިލިއަމްސް މާބަނޑުކަން އޭނާގެ އޭޖެންޓުން ކަށަވަރުކޮށްދީފި އެވެ. މިއާއެކު މިސީޒަންގެ ބާކީ އޮތް ބައިގައި އޭނާ ދެން އެއްވެސް މުބާރާތެއް ނުކުޅޭނެ އެވެ.

އުމުރުން 35 އަހަރުގެ ކުޅުންތެރިއާ ވަނީ، ލޯގަނޑެއްގެ ކުރިމަތީގައި ހުރެ ނަގާފައިވާ ފޮޓޯއެއް، "20 ހަފްތާ" ލިޔެފައި އޭނާގެ ސްނެޕްޗެޓްގައި ޕޯސްޓްކޮށްފަ އެވެ.

މީގެ 12 ހަފްތާ ކުރީން އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް އޯޕަން ޓެނިހުގެ 23 މުބާރާތް ކާމިޔާބުކުރުމުގެ ރެކޯޑް ހަދާފައިވާ، އެމެރިކާގެ ތަރިއަށް މި ސީޒަންގެ ބާކީ ހުރި މުބާރާތްތަކުގައި ދެން ނުކުޅެވޭނެ އެވެ. އޭގެ ތެރޭގައި ތިން ގްރޭންޑް ސްލޭމްސް، ފްރެންޗް އޯޕެން، ވިމްބަލްޑަން އަދި ޔޫއެސް އޯޕަން ހިނެ އެވެ.

މިދިޔަ ޖެނުއަރީ މަހު، އޮސްޓްރޭލިއަން އޯޕަންގައި އެއްބަނޑު އެއްބަފާ ދައްތަ ވީނަސް ވިލިއަމް ބަލިކުރުމަށް ފަހު އެ މުބާރާތުގެ ތަށި އުފުލައިލި ސެރީނާ، އަންނަ ހަފްތާގައި އިއުލާނުކުރާ ރޭންކިންގައި ދުނިޔޭގެ އެއްވަނައަށް އަރާނެ އެވެ. އަދި ޑަބްލިއުޓީއޭގެ ހާއްސަ ގަވާއިދުގެ ދަށުން، ވިހެއުމަށް ފަހު 12 މަސްތެރޭގައި އޭނާ މުބާރާތެއް ކުޅެފި ނަމަ، އޭނާ އެ ރޭންކިން ދެމެހެއްޓުމުގެ ފުރުސަތު އޮންނާނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސެރީނާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި އިރު އޭނާ ފުރަތަމަ ދަރިފުޅަށް ބަލިވެއިންތާ އަށް ހަފްތާ ވެދާނެ އެވެ. ސެރީނާގެ ޒަވާޖީހަޔާތުގެ ބައިވެރިޔާއަކީ، މަޝްހޫރު އިންޓަނެޓް ސައިޓް ރެޑިޓްގެ ކޯ-ފައުންޑަރ އެލެގްޒިސް އޮހަނިއަން އެވެ.