20 Apr 2017, 12:33
ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެޑިއުކޭޝަން މިނިސްޓްރީގެކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް ބަންދުގައި ބަހައްޓަން އަމުރުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
ހަނީފްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ. އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ހައިކޯޓުން ނިންމާފައި ވަނީ ހަނީފް ބަންދުގައި ބަހައްޓަން ނިންމީ ރަނގަޅަށް ކަމަށެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ހަނީފުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ އޭގެ ޒާތަށާއި ތަބީއަތަށް ބަލާއިރު ނުރައްކާތެރިކަން ބޮޑު ކުށެއް ކަމަށެވެ.
ހަނީފުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަށް ތުހުމަތެއް އުފެދޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެއްކާ ގަރީނާ ހުށަހަޅާފައިވާ ކަމަށް ވެސް ހައިކޯޓު ހުކުމުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން އެ ހެއްކިތަކަށް ބަލާއިރު މި ހިނދަށް ހަނީފު ދޫކޮށްލާފައި ހުރެއްޖެ ނަމަ އެއީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމެއް ކަމުގައި ބެލެވޭ ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.
އެ ހުރިހާ ސަބަބުތަކަށް ބަލާއިރު ކްރިމިނަލް ކޯޓުން ހަނީފު ބަންދުގައި ބަހައްޓަން ކުރި އަމުރަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.
ހަނީފަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އަރިސް ބޭފުޅެކެވެ. ސައުދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޓީމާ ގުޅިވަޑައިގެންފައެވެ.
ފަނޑިޔާރު ޝުޖާއު އާއި ހަނީފަކީ ވެސް ވިލިނގިއްޔަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.