ބަކަރި އަދި ކުކުޅު ދިރޭތަކެތި ގެންގުޅުމުގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން މިއަދު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، ސަރުކާރުން ކަޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ތަކެތި އުފައްދައި، ކާނާގެބާވަތްތައް ލިބޭނެމަގު ތަނަވަސްކޮށްދީ ކާނާގެ ޔާގީންކަން އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން ކުކުޅާއި ދިރޭ މާލު ގެންގުޅުމުގެ ޕްރޮގްރާމް އިތުރަށް ފުޅާ ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިއަހަރު ރާއްޖޭގެ ރަށެއްގައި ވިޔަފާރި އުސޫލުން ބަކަރި ގެންގުޅުމަށް ބޭނުންވާ ކޮށި ގާއިމްކޮށްދީ، ފަށައިގަތުމަށް ބޭނުންވާ ބަކަރި ހޯދައިދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޕްރޮގްރާމުގެ ދަށުން ޕްރޮގްރާމް ހިންގާ ރަށުގެ ދަނޑުވެރިންނަށް ބަކަރި ގެންގުޅުމާ ގުޅޭ ފަންނީ މައުލޫމާތު ފޯރުކޮށްދީ، މީހުން ބިނާކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ޕްރޮގްރާމް އެރަށެއްގައި ހިންގައި ދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި އެ ރަށެއްގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލް މެދުވެރިކޮށް ފޯމް ހުށަހަޅަން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނޭ ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންކަން:

  • މިނިސްޓްރީން ބަކަރި ކޮށި އެޅުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ކޮށި އެޅުމުގެ މަސައްކަތް އަމިއްލަ ޚަރަދުގައި ކުރުން.

  • ކޮށި ގާއިމް ކުރުމަށްޓަކައި މީހުން އުޅޭ ހިސާބާ ގާތްގަނޑަކަށް 300 ފޫޓު ދުރުން އެކަށީގެންވާ ވަރުގެ ބިމެއް އޮތުން. (މިބިމަކީ ކޮންމެވެސް މިންވަރަކަށް ހިޔާދޭގަސް ހުންނަ ބިމަކަށް ވާންވާނެ އަދި ބަކަރިއަށް ކާންބޭނުންވާ ފަތްޕިލާވެލި އުފައްދޭނެ ފަދަ ބިމަކަށް ވާންވާނެއެވެ)
  • ބަކަރީގެ ކާނާގެ ގޮތުގައި ބޭނުން ކުރާނެ ފަތްޕިލާވެލީގެ ބާވަތްތައް ލިބެން ހުރި މިންވަރު.
  • ރަށުގައި ދަނޑުވެރިކަން ކުރަމުންދާ މިންވަރު އަދި ޒުވާނުންގެ ހިއްސާ.
  • ގާއިމްކޮށް ދޭ ވަސީލަތްތައް ބޭނުންކޮށްގެން މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ ގާބިލްކަން ހުރި މިންވަރު
  • މި މަސައްކަތުގެ ސަބަބުން ރަށުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަށް ކުރާނެ ފައިދާ
  • ވޭތުވެދިޔަ 3 އަހަރު މިނިސްޓްރީން ދަނޑުވެރިކަމުގެ ޕްރޮގްރާމެއް އެންމެ މަދުން ހިންގުނު ރަށްރަށް
  • ބަކަރި ގެންގުޅުމުގެ މަސައްކަތްކުރުމަށް ފުރުސަތު އޮތް މިންވަރު، މި މަސައްކަތް ނިސްބަތުން މަދުން ކުރާ ރަށްރަށް.

އެ މިނިސްޓްރީން ބުނީ އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ނުވަތަ އީމެއިލުން[email protected]އަށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.