ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި މައްސަލާގައި އަންހެނަކު 18 އަހަރަށް ޖަލަށް ލާން ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލަ ސާބިތުވެ ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ހދ. ކުޅުދުއްފުށީ، ޕެންޒީމާގެ، ނަސީމާ އަލީގެެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވާފައި ވާ ކަމަށް ބުނެ އެވެ.

މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސް މަތިން މީހަކު ލައްވައި އެ އަންހެން ކުއްޖާއާއެކު ޖިންސީ އަމަލު ހިންގުމަށް ހިތްވަރުދީފައިވާ ކަމަށެވެ.

ހުކުމުގައި އިތުރަށް ބުނެފައި ވަނީ އެ ކުއްޖާ ލައްވައި ޖިންސީ އަމަލު ހިންގުވިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ނަސީމާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ނަސީމާ 18 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ މާއްދާގައިވާ ގޮތުން ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާ ލައްވާ ޖިންސީ އަމަލެއް ހިންގުވައިފިނަމަ އެ ކުރަނީ ކުށެކެވެ.

އެ ދައުވާގެ އިތުރުން ނަސީމާގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ކުރި އެވެ. އެ ދައުވާ ސާބިތުވެ އޭނާ ހަ މަސް ދުވަހަށް ޖަލަށްލާން ވެސް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.