20 Apr 2017, 09:21
ދިއްލީ (މާޗް 19): އިންޑިއާގެ އުތުރުގައި އޮންނަ ހިމާޗަލް ޕްރަދޭޝްގައި އިއްޔެ ދަތުރު ކުރަމުން ދިޔަ ބަހެއް ފުރޮޅާލައި، ކޯރެއް ތެރެއަށް ވެއްޓުމުގެ ސަބަބުން 45 މީހަކު މަރުވެއްޖެ އެވެ.
ހިމާޗަލް ޕްރަދޭޝް ކައިރީ އޮންނަ އުއްތަރަކަންދު ސްޓޭޓުން ދަތުރު ފެށި އެބަސް ފުރޮޅާލީ ފަރުބަދަމަތީ މަގަކުން ދަތުރު ކުރަމުން ދަނިކޮށެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބަސް ކޯރު ތެރެއަށް ވެއްޓުމުގެ ކުރިން، އެ ބަހުގައި ތިބި 47 މީހުންގެ ތެރެއިން ދެ މީހަކު ވަނީ ބަހުން ފުއްމާލާފަ އެވެ.
އިންޑިއާ ފުލުހުން ބުނާ ގޮތުގައި އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 31 ފިރިހެންނުންނާއި، 10 އަންހެނުންނާއި ހަތަރު ކުޑަ އަންހެން ކުދިން ހިމެނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދެ ލައްކަ ރުޕީސް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާ އަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކުގެ ސަބަބުން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވާ ގައުމެވެ. އެގައުމުގެ އެފަދަ އެކްސިޑެންޓުތަކުގެ ސަބަބުން ދުވާލަކު 400 އަށް ވުރެ ގިނަ މީހުން މަރުވެ އެވެ. (ހިންދުސްތާންޓައިމްސް)