ޔުއެފާ ޗެމްޕިއަންސްލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ބަޔާން މިއުނިކް އަތުން ރެއާލް މެޑްރިޑް މޮޅުކޮށްދިނީ މެޗުގެ ރެފްރީ ކަމަށާއި އެއީ ބަޔާން އަތުން ފޭރިގަތް މެޗެއް ކަމަށް އެޓީމުގެ މިޑްފީލްޑަރު އަރްތޫރް ވިދާލް ބުނެފިއެވެ.

ރެއާލް މެޑްރިޑްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ބަޔާން ބަލިވީ 4-2 (6-3 އެގްރިގޭޓް) ލަނޑުގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް އެ މެޗުގެ ރެފްރީ، ހަންގޭރީގެ ވިކްޓަރ ކަސިއާ ވަނީ، ބަޔާނާ ދެކޮޅަށް، ސުވާލު އުފެދޭ ފަދަ ވަރަށް ބޮޑެތި ނިންމުންތަކެއް ނިންމައިފައެވެ.

މެޗުގެ ފަހު ހާފްގައި ރެފްރީ ވަނީ، ބަޔާންގެ ޗިލީ މިޑްފީލްޑަރު ވިދާލަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި އޭނާ ދަނޑުން ފޮނުވާލައިފައެވެ. އެހެން ނަމަވެސް، މެޗުގެ 84 ވަނަ މިނިޓްގައި ރެއާލްގެ މާކޯ އަސެންސިއޯއަށް ފައުލުކުރި ކަމަށް ބުނެ ވިދާލަށް ދެވަނަ ރީނދޫ ކާޑެއް ރެފްރީ ދެއްކި ނަމަވެސް، އެއީ ފައުލެއް ނޫންކަމާއި ވިދާލު ކުރި ޓެކްލާއެކު އޭނާ ބޯޅަ ހޯދިމަންޒަރު ވަރަށް ސާފުކޮށް ފެނެއެވެ.

ވިދާލް ބުނީ، މިއީ ފުޓްބޯޅައަށް ލޯބިކުރާ އެތަކެއް މިލިއަން މީހުންގެ ލޮލުގެ ކުރިމަތީގައި، މެޗުގެ ރެފްރީ ހިންގި ވައްކަމުގެ ބޮޑު ޖަރީމާއެއް ކަމަށެވެ.

"ޗެމްޕިއަންސް ލީގުފަދަ ބޮޑު މުބާރާތެއްގައި މިފަދަ ބޮޑު ދެޓީމު ވާދަކުރާ މެޗެއްގައި މިފަދަ ވައްކަމެއް ހިނގައިގެން ނުވާނެ،" ބަޔާންގެ މިޑްފީލްޑަރު ބުންޏެވެ.

މީގެ އިތުރުން މެޗުގެ 101 ވަނަ މިނިޓްގައި ބަޔާންގެ ޕެނަލްޓީ އޭރިޔާތެރެއަށް ރެއާލްގެ ކަސެމިރޯ ޑައިވްކުރި ނަމަވެސް، ރެފްރީ އޭނާއަށް ރީނދޫ ކާޑު ދައްކާފައެއް ނުވެއެވެ.

މެޗުގެ 104 ވަނަ މިނިޓްގައި ރެއާލަށް މެޗުގެ ނަތީޖާ 2-2އިން ހަމަހަމަވި ލަނޑު ރޮނާލްޑޯ ކާމިޔާބުކުރި އިރު އޭނާއަށް ސާޖިއޯ ރާމޯސް ބޯޅަ ލިބުނު އިރު ހުރީ ގާތްގަނޑަކަށް ދެ ޔާޑެއްހާތަން އޮފްސައިޑަށް ފައިބައެވެ. އަދި މެޗުގެ 110 ވަނަ މިނިޓްގައި މާސެލޯ ދިން ޕާހަކުން ރޮނާލްޑޯ ހެޓްރިކް ފުރިހަމަކުރިއިރު، އޭނާހުރީ ވަރަށް ރަނގަޅަށް އޮފްސައިޑުގައިކަން އެނގެއެވެ.

މިހާ ފާޅުކަން ބޮޑުގޮތެއްގައި ރެފްރީގެ ނިންމުންތައް ބަޔާނާ ދެކޮޅަށް އައުމުން، މެޗު ނިންމާލުމަށް ފަހު ވިދާލާ އެކު ބަޔާންގެ އިތުރު ދެކުޅުންތެރިއަކު ވަނީ، ރެފްރީގެ ޑްރެސިން ރޫމަށް ވަދެ، އެމީހުންގެ ޖަޒުބާތުތައް ރެފްރީ ވިކްޓާއާ ދިމާއަށް ބަންޑުން ޖަހަލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިއާގޯ އަލްކަންޓަރާއާއި ރޮބާޓޯ ލެވަންޑޮސްކީއެވެ.

މީގެ އިތުރުން ފްރޭންކު ރިބަރީވެސް ވަނީ، ރެފްރީގެ ނިންމުންތަކަށް ފާޑުކިޔައި، ސޯޝަލްމީޑިއާގައި ޕޯސްޓުތައް ކޮށްފައެވެ. އަދި އާޔަން ރޮބޭން ވެސް ބުނެފައިވަނީ، މިއީ މުޅި ދުނިޔޭގެ ފުޓްބޯޅައަށް ވެސް ބޮޑު ލަދުވެތިކަމެއް ކަމަށާއި މިފަދަ ކަންކަން ހިނގައިގެން ނުވާނޭ ކަަމަށެވެ.

ރޭގެ މުޅިމެޗުގައި ވެސް މޮޅަށް ކުޅެ، އެހެން ނަމަވެސް ހިތްދަތިގޮތަކަށް ރެއާލް އަތުން ބަލިވުމުން މިއީ 2010/11ގެ ސީޒަނަށް ފަހު، ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުނުކޮށް ބަޔާން ކެޓި ފުރަތަމަ ފަހަރެވެ.