19 Apr 2017, 18:32
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަނބިދަރިކަލުން އަދިފެނަކަ ކޯޕަރޭޝަނުގެ ކުރީގެ ޗެއާމަންމުހައްމަދު ނަދީމް މާދަމާ ހެނދުނު ފުލުހުންގެ ބެލުމުގެ ދަށުން ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައިފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ނަދީމް މިއަދު ވަނީ އަތޮޅުވެއްސަށް ހާޒިރުކޮށްފަ އެވެ. ނަދީމަކީ ރައީސް މައުމޫނުގެ ހަގު އަންހެން ދަރިކަނބަލުން ޔުމްނާ މައުމޫނުގެ ފިރިކަލުންނެވެ.
ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސާ އައިމިނަތު ނާދިރާ "ސަން"އަށް ވިދާޅުވި ގޮތުގައި ނަދީމް އަތޮޅުވެއްސަށް ހާޒިރުވި އިރު ފުލުހުންގެ އަތުގައި ކޯޓު އަމުރެއް ނެތެވެ. ނަމަވެސް ފަހުން އަމުރެއް ލިބި، އެ އަމުރު ނަދީމްއާ ހިއްސާ ކުރި ކަމަށް ނާދިރާ ވިދާޅުވި އެވެ.
ނާދިރާ ވިދާޅުވީ ސިވިލް ކޯޓުން ނެރެފައިވާ އެ އަމުރުގައި ބުނެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުން މާދަމާ ހެނދުނު 9:45 އަށް ނަދީމް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.
މިކަން ކުރުމަށް ޓަކައި ފުލުހުން ވަނީ މާދަމާ ހެނދުނު ނަދީމް އަތޮޅުވެއްސަށް ހާޒިރުވާން އަންގައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ސިވިލް ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ އަމުރު ނެރެފައި ވަނީ ކުންފުންޏަކާ ގުޅޭ މައްސަލައެއްގައި ކަމަށް ފުލުހުން ހާމަކުރި ނަމަވެސް، އެއީ ކޮން ކުންފުންޏެއްގެ، ކޮން ކަހަލަ މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.